
ދުނިޔޭގެ ނަޒަރު އިޒްރާއިލް-އީރާން ހަނގުރާމައަށް, ޣައްޒާގެ ނަޞްލު ނައްތާލުގެ ހަނގުރާމަ މެކުހަށް
ދުނިޔޭގެ ނަޒަރު އިޒްރާއިލް-އީރާންގެ ހަނގުރާމައަށް ހުއްޓިފައިވާ މި ދަނޑިވަޅުގެ ފައިދާ ނަގާ އިޒްރާއިލްއިން ޣައްޒާގެ ނަޞްލު ނައްތާލުމުގެ ޤަތުލްއާންމު މެކުހަށްޖަހައިފިއެވެ.
ފާއިތުވި 24 ގަޑިއިރު އެކަނިވެސް އިޒްރާއިލްއިން ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިޒްރާއިލްއިން ދިން ހަމަލާތަކުގައި 140 މީހުން ޝަހީދުވެފައިވާކަމަށް ޣައްޒާގެ ސިއްހީ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައި ވެއެވެ.
ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި ގިނަ މީހުން މަރާލާފައިވަނީ އެހީ ލިބިގަތުމަށް އެއްވެފައިވާ ޕޮއިންޓްތަކުންނެވެ. އިންސާނީ އެހީއަށް ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ތިން މަސްދުވަސް ފަހުން ފާޑަކަށް ނިމުމަކަށް ގެނެސް އެމެރިކާއާއި އިޒްރާއިލްގެ ބެލުމުގެ ދަށުން ކޮންމެވެސް ވަރަކަށް ކާބޯތަކެތި ވަނީ ބަހަން ފަށާފައެވެ.
ނަމަވެސް ކާބޯތަކެތި ހޯދަން ޣައްޒާގެ ރައްޔިތުން އެއްވާ އެއްވުންތަކަށް ހަމަލާދީ އިޒްރާއިލް މިހާތަނަށް 397 އަށް ވުރެ ގިނަ މީހުން އެތަންތަނުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން އެސަރަހައްދުތަަކަށް ދިން ހަމަލާތަކުގައި 3000 ހެއްހާ މީހުން ޒަހަމްވެފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.
ސިއްހީ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވާ ގޮތުން ޣައްޒާ ސިޓީގެ ޒައިތޫން ސަހަރައްދުގައިހުންނަ މަގާޒީ ރެފިއުޖީ ކޭމްޕަށް މިއަދު ދިން ހަމަލާއެއްގައި އެސަރަހައްދުން 21 މީހަކު ވަނީ ޝަހީދުވެފައެވެެ. އަދި ހާން ޔޫނުސް އަށް ދިން ހަމަލާއެއްގައި އިތުރު ފަސް މީހަކުވެސް ޝަހީދުވެފައިވާކަމަށް އެނޫހުގައި ބުނެފައި ވެއެވެ.
ސަލާހުއްދީން މަގުގައި ހިނގި ހާދިސާގައިވެސް ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ. ޔަހޫދީ ސިފައިން ބުނެފައިވަނީ އެސަރަހައްދަކީ ހަނގުރާމައިގެ މައިދާނެއް ކަމަށާއި, އެތަނަށް އާންމުން އެއްވުމަކީ ސިފައިންގެ ފައުޖުތަކަށް ހުރި ނުރައްކަލެއް ކަމަށެވެ. އަދި އިޒްރާއިލްގެ ސިފައިންގެ ހަމަލާތަކަކީ ހަމާސްގެ މުޖާހިދުންނަށް އަމާޒުކޮށް ދޭ ހަމަލާތަކެއް ކަމަށާއި, އާންމުންނަށް ވީހާވެސް ގެއްލުން ކުޑާވާގޮތަށް އަަލުކުރަމުން ދާކަމަށްވެސް ޔަހޫދީ ސިފައިން ވަނީ ބުނެފައވެެ.
"ރެއެއް ދުވާލެއް ނެތި މަގުތަކުގައި ޣައްޒާގެ ރައްޔިތުން ކަތިލާ ހުސްކުރަނީ, ދުނިޔޭގެ ލޯތައް ހުރީ އިޒްރާއިލް އާއި އީރާންގެ ހަނގުރާމަަށް އެނބުރިފައި. މިދުވަސްވަރު ޣައްޒާގެ ހަބަރުތައް ދުނިޔެއަކަށް ނީވެ" ޣައްޒާ ސިޓީގެ ރައްޔިތަކު ރޮއިޓާސް އަށް ބުނެފައި ވެއެވެ.
އޭނާ އިތުރަށް ބުނީ ބޮމުގެ ހަމަލާއެއްގަ މަރުނުވިއްޔާ އެމީހަކު ހައިހޫނުކަމުގެ އިންތިހާގައި މަރުވުމަކީ ޣައްޒާގެ މިއަދު ގެ ހަޤީގަތް ކަމުގައެވެ. އަދި މުޅި ދުވާލާ ރޭގަނޑު ހަތަރުދަމު ޣައްޒާގެ ރައްޔިތުން ކާއެއްޗެއް ލިބޭތޯ ފުރާނައަތްމައްޗަށް ލައިގެން މަސައްކަތް ކުރާއިރު އިންސާނީ ޤަދަރާއިކަރާމާތަކީ ކޮން އެއްޗެއްކަންވެސް އެމީހުންގެ ހަނދާނެއް ނެތްކަމުގައެވެ.
ރިއެކްޝަންސް






