
ހަމަލާތަކުން ސަލާމަތްވުމަށް އިޒްރާއިލްގައި ހަދާފައި ހުންނަ 'ބޮމްބް ޝެލްޓަރ' ތަކުން ފަލަޞްޠީނުގެ ރައްޔިތުން ބޭރުކުރަނީ
ޔަހޫދީން ބުނަނީ "މިއީ ކަލޭމެންނަށް އޮތް ހިޔާވައްސެއް ނޫން" ކަމަށް
އިޒްރާއިލްއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އީރާންގެ މިސައިލްތަކުން ހިމާޔަތް ހޯދުމަށް ޔަހޫދީން އިޒްރާއިލްގައި ބޭނުންކުރަމުންއަންނަ 'ބޮމްބް ޝެލްޓަރ' ތަކުން ފަލަޞްޠީނުގެ ރައްޔިތުން ބޭރުކުރަން ފަށައިފިއެވެ.
ހަމަލާތައް ފެށުމާއެކު އިޒްރާއިލްގައި ދިރިއުޅޭ އެންމެންވެސް އޮހެމުންދާ މިސައިލްތަކުން ހިމާޔަތް ހޯދުމަށް ދުއްވައިގަންނަނީ އޭގެ ޝެލްޓަރ އަކާ ދިމާއަށެވެ. އޭގެ ތެރޭގައި އިޒްރާއިލްގައި ދިރިއުޅޭ ފަަލަޞްޠީނުގެ އެތައްހާސް ރައްޔިތުންނެއްވެސް ހިމެނެއެވެ.
ނަމަވެސް އެތަންތަނުގެ ދޮރުތައް ފަލަޞްތީނުގެ ރައްޔިތުންނަށްތަކައިވަނީ ބަންދުކުރެވިފައެވެ. އެކަމަކު އެއީ ހަމަލާއާއެކު ނުވަތަ ދުޝްމަނުންގެ ބާރަކުން ނޫނެވެ. އަމިއްލަ މީހުން ކަމަށް ދެކިގެންއުޅުނު އަވައްޓެރިންނާއި ރައްޔިތުންގެ ފަރާތުންނެވެ.
އަންދާޒާ ކުރެވިފައިވާ ގޮތުގައި އިޒްރާއިލްގައި ފަލަޞްޠީނުގެ 1.8 މިލިއަން ރައްޔިތުން ދިރިއުޅެއެވެ. އެއީ އިޒްރާއިލްގެ އާބާދީ ގެ ގާތްގަނޑަކަށް 20 އިންސައްތައެވެ.
އިޒްރާއިލްގައި ދިރިއުޅޭ ފަލަޞްޠިނުގެ ރައްޔިތުން ސިޓީ, ޓައުން އަދި ކުދި އަވަށްތަކުގައިވެސް ދިރިއުޅެއެވެ. އިޒްރާއިލްގެ ރަށްވެހިންގެ ގޮތުގައެވެ. ނަމަވެސް އިޒްރާއިލް ތަޖުރިބާކުރަމުންދާ އެންމެ ނުރައްކާތެރި ހަމަލާތަކުގައި "އިޒްރާއިލްގެ ރައްޔިތުން" ނަށް ލިބެމުންވާ 'ފުރާނަ ސަލާމަތް ކުރުމުގެ ހައްޤުން" ފަލަޞްޠިނުގެ ރައްޔިތުން ވަނީ މަޙްރޫމް ކުރެވިފައެވެ.
ޔަހޫދީންގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން އުޅޭ 29 އަހަރުގެ ފަލަޞްޡީނުގެ ސަމަރް އަލް-ރާޝިދު އަލް ޖަޒީރާއަށް ބުނީ ހުކުރު ދުވަހު އީރާންއިން ރައްދު ހަމަލާ ދޭންފެށިއިރު އޭނާ އިނީ އޭނާގެ 5 އަހަރުގެ ކުޑަ ދަރިފުޅު ޖިއާން ގޮވައިގެން ގޭގައި ކަމުގައެވެ. ހަމަލާގެ އިންޒާރާއެކު އޭނާވެސް ރައްކާތެރިިކަން ހޯދުމަށް ޝެލްޓަރ އަކާ ދިމާއަށް ދުއްވައިގަތީއެވެ.
"އަަހަރެން ހަނދާނެއްނެތް އެއްވެސް އެއްޗެއް ޕެކް ކުރާކަށްވެސް. އަހަންނަށް ގެންދެވުނީ އަހަރެންގެ ދަރިފުޅާ, ފެންފުޅިއާ ދެން ފޯނާ. އެކަމަކު އަހަރެން މީ ފަލަޞްޠީނުގެ ރައްޔިތެއްކަން އެނގުމުން އެތަނުން އަހަންނަށް ހިޔާވަހިކަން ދޭން އިންކާރުކޮށް ދޮރުވެސް މޫނުމައްޗަށް ޖެހީ. އަހަންނަށް އަރަބިން ވާހަކަ ދެއްކުނީމަ" ސަމަރް ބުނިކަމަށް އަލް ޖަޒީރާއިން ބުނެފައިވެއެވެ.
ސަމަރް ބުނީ އޭނާއަށް އަށް ހިބްރޫ ބަސްވެސް ފަރިތަކޮށް އެނގޭކަމަށެވެ. ނަމަވެސް އެވަގުތު ހާސްވެފަ ހުރިވަރުން އަރަބިން ވާހަކަ ދެއްކުމުން ހިބްރޫ ބަހުން އޭނާ އަކީ ކާކުކަން އޮޅުންފިލުވައިދޭން އުޅުމުންވެސް "މިއީ ކަލޭމެންނަށް ހުރި ތަނެއް ނޫނޭ' ބުނެ އޭނާ އަށް ވަނުމުގެ ހުއްދަ ނުދިން ކަމަށެވެ.
އިޒްރާއިލްގައި ދިރިއުޅޭ ފަލަޞްޘިނުގެ ރައްޔިތުންނަށް އަބަދުވެސް އެތަނުން ތަހައްމަލް ކުރަންޖެހެނީ ބާކީ ކަމެވެ. ތައުލީމާއި, ގެދޮރާއި, ވަޒީފާއާއި ސިއްހީ ހިދުމަތަށް ބެލިކަމުގައިވިއަސް އަބަދުވެސް ބޮޑެތި ތަފާތުކުރުންތައް ގެންގުޅެއެވެ. އިޒްރާއިލްގެ ރަށްވެހިކަން އޮންނަ ނަމަވެސް އަަބަދުވެސް ފަލަޞްޠީނުގެ ރައްޔިތުންނާ ދޭތެރޭ އަމަލުކުރަނީ ދެވަނަ ދަރައިގައިގެ އިންސާނުން ފަދައިންނެވެ.
އިޒްރާއިލްގައި އަރަބި މައިނޯރިޓީ ތަމްސީލްކުރާ ޤާނޫނީ ޖަމާއާތް 'އަދާލާ' އިން ބުނި ގޮތުގައި އިޒްރާއިލްއިން އަމަލުކުރަމުންދާ 65 ޤާނޫނެއް ފަރުމާކޮށްފައިވަނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަލަޞްތީނުގެ ރައްޔިތުނަން ތަފާތުކުރުން އޮންނަ ގޮތަށެވެ. މީގެ އިތުރުން 2018 ވަނަ އަހަރު ފާސްކުރި އިޒްރާިއލްގެ ދައުލަތުގެ ޤާނޫނުގައި އިޒްރާއިލްގެ ދައުލަތުގެ ރައްޔިތުންކަމުގައި ބަލާފައިވަނީ "ޔަހޫދީން" އެކަންޏެވެ.
ރިއެކްޝަންސް






