
އިޒްރާއިލްއިން ޣައްޒާއަށް އިންސާނީއެހީ ވަނުން ހުއްޓުވާފައި އޮންނަތާ 60 ވަނަ ދުވަސް
އިޒްރާއިލްއިން ކާނާ އާއި ފެން, އަދި ތެލާއި ބޭހުގެ އެއްވެސް މިންވަރެއް ޣައްޒާއަށް ވަނުން ހުއްޓުވާފައި އޮންނަތާ މިއަދަށް މިއީ 60 ވަނަ ދުވަހެވެ. އިންސާނީ އެހީ ހަތިޔާރަކަށް ހަދައިގެން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންދާތާ 2 މަސް ދުވަސް ވީއެވެ.
"ޣައްޒާގެ އިންސާނީ ހާލަތު ގޯހުން ވަރަށް ގޯސްވެ, ހިޔާލަށްވެސް ނުގެނެވޭހާ ގޯސްވެއްޖެ. މިހުރިހާ ކަމެއް މި ހިނގަނީ ދުނިޔެގެ ލޯ ކުރިމަތީގަ"އދ ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގަޓަރޭސް ވިދާޅުވިއެވެ.
ޣައްޒާގައި ހައިހޫނު ކަމުގައި ފާއިތުވި ދެ މަސް ދުވަހުގެތެރޭގައި 52 ކުޑަކުދިން ދުނިޔެދޫކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މެދުނުކެނޑި އިޒްރާއިލްއިން ހަމަލާތައް ދެމުންދާއިރު, އިއްޔެ އެކަނިވެސް ޣައްޒާއިން ވަނީ 38 މީހުން ޝަހީދުކޮށްލާފައެވެ. މިއަދު ހެނދުނުން ފެށިގެން މިހާތަނަށް 21 މިހަކު ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގެ ސިއްހީ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.
"ޣައްޒާގައި ކެއުމަށް ބޭނުންކުރާ ހުރިހާއެއްޗެއްހެން ހުސްވެއްޖެ. ބައެއް އާއިލާތަކުން "އެމީހުންނަށް އަތުޖެހުނު އެއްޗެއް ކަމުންދަނީ މިހާރު". އެއީ ކެއުމަށް ރައްކާތެރި އެއްޗެއް ނޫންކަމުގައި ވިއަސް" އދ ގެ އެޖެންސީ ފޮރ ފަލަޞްޠީނިއަން ރެފިއުޖީސް (އަންރްވާ) އިން އަންގާރަދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.
ޣައްޒާގެ ބިމުގެ 70 އިންސައްތަ އަކީ މިހާރު ފަލަޞްޠީނުގެ ރައްޔިތުންނަށް "ދިއުން މަނާ" ސަރަހައްދުތަކަކަށްވެ އެމީހުންގެ ދަނޑުބިންތަކަށް ދެވޭނެ ގޮތެއްވެސް ނެތެވެ. ޤައުލްއާންމާއެކު އިންސާނީ އެހީއަށް ބަރޯސާވެގެން ދިރިއުޅޭ ގިނަ ރައްޔިތުން މިހާރުތިބީ ގޮތްހުސްވެފައެވެ. އަންރްވާއިން ބުނި ގޮތުގައި ޣައްޒާގެ ކުޑަކުއްޖަކަށް ބައެއް ދުވަސްދުވަހު ކާންލިބެނީ ހަމައެކަނި އެންމެ ޕާން ފޮއްޗެކެވެ. ކުޑަ ކުދިން ހައިހޫނު ކަމުގައި ރޯލާނެ ހިތްވަރުވެސް ނެތެވެ.
ޣައްޒާއަށް އިންސާނީ އެހީ ވަނުން ހުއްޓުވާފައި އޮތް އޮތުން ނިމުމަކަށް ގެނެސް ބޯޑަރު ހުޅުވާލަށް އދ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ އިޒްރާއިލްއަށް ޕްރެޝަރު ކުރަމުންނެވެ. ނަވަމެސް އިޒްރާއިލްގެ އަމަލާއި ބަސްމަގު ހުރީ މިކަމުގައި ދޫދޭގޮތަކަށް ނޫނެވެ. އިޒްރާއިލްގެ އަމާޒަކީ ޣައްޒާގެ މުޅި އާބާދީ ބަނޑައް ޖައްސައިގެން ކަމުގައި ވިޔަސް ހަމާސް ކުޑަކަކޫ މައްޗަށް ތިރިކުރުވުމެވެ. އެކަން އިޒްރާއިލްއިން ވަނީ ފާޅުކަންބޮޑު ގޮތެއްގައި ހާމަކޮށްފައެވެ.
ރިއެކްޝަންސް






