
ނުފޫޒެއް ނުފޯރުވޭނެ, ދުވަހުން ދުވަހަށް މައުލޫމާތު ހިއްސާކުރާނަން- ރިޔާސީ ކޮމިޝަން
ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ކުރާ ތަހުގީގަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި, މައުލޫމާތުވެސް ދުވަހުން ދުވަހަށް ހިއްސާކުރައްވާނެ ކަމަށް ތަހުގީގަށް އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.
ކޮމިޝަނުން މިއަދު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ކޮމިޝަންގެ ރައީސް ޑރ.މުޙައްމަދު މުނަންވަރު ވިދާޅުވީ ނުފޫޒު ފޯރުވުމުގެ ފުރުޞަތު ސަރުކާރަށްވެސް ނޯންނާނެ ކަމަށެވެ. އަދި ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާނަމަ އޭނާ އެކޮމިޝަނުގައި ނުވެސް ހުންނާނެ ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ޤާނޫނު ތަންފީޒު ކުރުމުގައި ވަކި މީހަކަށް ނުބައްލަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.
އޭގެއިތުރުން މައްސަލައިގެ ހައްސާސްކަމާއެކު ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދުވަހުން ދުވަހަށް ހިއްސާކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މައުލޫމާތު ހިއްސާކުރައްވާނީ ޓެކްނޮލިޖީގެ ވަސީލަތްތައް މެދުވެރިކޮށް ކަމަށް ވިދާޅުވިއެވެ. ޕޯޓަލްއެއް ހައްދަވާނެ ކަމަށް ވިދާޅުވިއެވެ. މައުލޫމާތު ދުވަހުން ދުވަހަށް ހިއްސާކުރުމަކީ މިހާރުވެސް ކޮމިޝަންގެ މެމްބަރުން އެއްބަސްވެފައިވާ ކަމެއްކަމަށް ވިދާޅުވިއެވެ.
" ކޮންމެސް އެރޭންޖްމަންޓެއްގެ ތެރެއިން ޕޯޓަލްއެއް ތައްޔާރުކޮށް, ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް މައުލޫމާތުދެވޭނެ. ސުވާލުވެސް ކުރެވޭނެ. އަދި ސުވާލުކުރެވުނީމަ އޭގަ ހުންނަ ޢާއްމު ސުވާލުތަކަށް އަޅުގަނޑުމެން ހަމަ ޖަވާބު ދެމުން އަދި އިންޑިވިޖުއަލް ބޭފުޅުން ކުރައްވާ ސުވާލުތަކަށްވެސް ޖަވާބު ދެމުން އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތް ހަމަ ދުވަހުން ދުވަހަށް ފެންނަގޮތަށް ހަދާނީ."
މުނަންވަރު ވިދާޅުވީ މިޒަމާނުގެ ޓެކްނޮލިޖީގައި އެކަން އެގޮތަށް ކުރެވެންވެސް ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް މުނަންވަރު އެދިވަޑައިގެންނެވީ ޖިނާ ކުށެއްގެ ތަހުގީގަކަށްވާތީ ތަހުގީގު ފުރިހަމަވުމުން ނޫނީ ހިއްސާ ނުކުރެވޭނެ މައުލޫމާތު ހުންނާނެކަން ގަބޫލުކުރެއްވުމަށެވެ.
މައްސަލައިގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދި ޚާއްޞަ ކޮމިޝަންގައި ފަސް މެމްބަރުން ތިއްބަވައެވެ.
ރިއެކްޝަންސް






