
ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ރައީސް މުއިއްޒު ހުންނެވީ ފެންބޮވައިގެންފަ: މެންބަރު އިއްބެ
މެންބަރު މިހެން ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން
ދިވެހިރާއްޖޭގައި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ފެންބޮވައިގެންފައި ކަމަށް ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ވިދާޅުވެއްޖެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަ ދައްކަވަމުން މެންބަރު އިބްރާހީމް ހުސައިން ވިދާޅުވީ ގައުމެއްގެ ޒުވާނުން ހަރުދަނާ ގޮތުގައި ބިނާ ނުކުރެވިއްޖެނަމަ މާދަމާ އެކަމާ ހިތާމާ ކުރަންޖެހޭނެ ކަމަށެވެ.
އަދި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ މި ގައުމުގައި ޒުވާން ރަނގަޅު ޖީލެއް ބިނާ ކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު އެއް ބާބު ކަމަށާއި އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަސައްކަތަށް ފެންބޮވައިގެންފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށް މެންބަރު ވިދާޅުވިއެވެ.
ދުންފަތް ހުއްޓުވުމާއި ކޮންޓްރޯލް ކުރުމާގުޅޭ ބިލަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވީ ދުންފަތާއި ސިނގރޭޓް ކޮންޓްރޯލް ކުރުމަކީ ސަރުކާރަކަށް ކުރަން އެހާ ފަސޭހަކަމެއް ނޫން ކަމަށާއި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ އެއަށް ދެވިހިފާފައިވާ ފަރާތްތަކަށްވެސް ކުރަން އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ.
މެންބަރުގެ ވާހަކައިގައި ވަނީ ގާނޫނުތައް ހެދި ނަމަވެސް މާޒީވެ ދިޔަތަނުގައި ގާނޫނުތައް ތަންފީޒު ނުކުރެވިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަދި ގާނޫނުތައް ރަނގަޅަށް ތަންފީޒު ކުރެވެމުން ނުދިއުމަކީ ގާނޫނުތަކުން ރައްޔިތުންނަށް ލިބެންވާ ހަގީގީ މަންފާ ލިބުމަށް އޮތް ހުރަހެއްގެ ގޮތުގައި މެންބަރު ވަނީ ފާހަގަ ކުރައްވާފައެވެ.
މެންބަރު އިބްރާހީމްގެ ވާހަކައިގައި އޭނާ ވަނީ ސަރުކާރުގެ އިޖުތިމާޢީ ސިއްޚީ ރައްކާތެރި ކަމުގެ ނިޒާމު އާސަންދައިން ކުރާ ޚަރަދުގެ ބޮޑު އިންސައްތައެއް ހަރަދުކުރަންޖެހެނީ ދުންފަތާ ގުޅުންހުރި އެކިއެކި ބަލިތަކަށް ފަރުވާ ކުރުމަށް ކަން ފާހަގަ ކުރައްވާފައެވެ.
އަދި އެފަދަ ބޮޑު ޚަރަދެއް ކުޑަކުރެވި އެފައިސާ މުހިންމު އެހެން ކަމަކަށް ޚަރަދުކުރަން ލިބިއްޖެނަމަ އެކަމުގެ ފައިދާ މުޅިގައުމަށް ބޮޑުވާނެ ކަމަށް މެންބަރު އިބްރާހީމް ހުސައިން ވަނީ ވިދާޅުވެފައެވެ.
ރިއެކްޝަންސް






