ޒަކާތު ހައުސްގެ ސްކޮލަޝިޕް: މަތީ ތަޢުލީމުގެ 30 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން، މޯލްޑިވްސް ޒަކާތު ހައުސްއިން މަތީ ތަޢުލީމުގެ ޚާއްޞަ ސްކޮލަޝިޕް ފުރުސަތުތަކަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ޒަކާތު ހައުސްއިން ނެރުނު އިޢުލާނެއްގައިވާ ގޮތުން، މި ޕްރޮގްރާމުގެ ދަށުން މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ޖުމުލަ 30 ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ ތެރެއިން 10 ފުރުސަތަކީ ރާއްޖޭގައި ކިޔެވުމަށް ދެވޭ ފުރުސަތުތަކެވެ. އަދި ބާކީ 20 ފުރުސަތު ހަމަޖައްސާފައިވަނީ ރާއްޖޭން ބޭރުގައި ކިޔެވުމަށެވެ.
މި ސްކޮލަޝިޕްތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިސްލާމީ އެކި ދާއިރާތަކަށެވެ. އޭގެ ތެރޭގައި އިސްލާމީ ޝަރީޢާ، ޤުރުއާނާ ބެހޭ އިލްމު، އިސްލާމީ ތަޢުލީމު، އިސްލާމީ ދިރާސާ އާއި ޝާއިޢުކުރުން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ، ފިޤުހު، އުޞޫލުލް ފިޤުހު، އަދި އިސްލާމީ ލީޑަޝިޕް އެންޑް މެނޭޖްމަންޓް ހިމެނެއެވެ.
ކިޔެވުމަށް ހަމަޖެހިފައިވާ މުއައްސަސާތައް:
- ރާއްޖޭގައި: އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)، ޤައުމީ ޔުނިވަސިޓީ (އެމްއެންޔޫ)، ވިލާ ކޮލެޖް، އެވިޑް ކޮލެޖް އަދި ޒިކުރާ ކޮލެޖް.
- ރާއްޖޭން ބޭރުގައި: މިޞްރުގެ އަލް އަޒްހަރް ޔުނިވަސިޓީ، މެލޭޝިއާގެ އައިއައިޔޫއެމް، އިންސިފް، ޔޫއެސްއައިއެމްގެ އިތުރުން ބުރުނާއީ އަދި ޕާކިސްތާނުގެ އިސްލާމީ ޔުނިވަސިޓީތައް.
މީގެ އިތުރުން ޒަކާތު ހައުސްއިން ވަނީ ދެ ޚާއްޞަ ސްކީމެއްވެސް ތަޢާރަފުކޮށްފައެވެ. އެއީ ސައުދީ އަރަބިއްޔާއާއި މިޞްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑް ލިބޭ ގޮތަށް ދޭ 5 ފުރުސަތާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ ޚާއްޞަ 5 ސްކޮލަޝިޕެވެ.
މި ސްކޮލަޝިޕްތަކަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިން ކަމުގައި ވާންޖެހެއެވެ. އަދި މިއީ މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ، އެހެން އެއްވެސް މުއައްސަސާއަކުން މާލީ އެހީތެރިކަން ލިބެމުން ނުދާ ދަރިވަރުންނަށް ދެވޭ ފުރުސަތުތަކެކެވެ. ދަރިވަރުން ހޮވުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ޚާއްޞަ ކޮމިޓީއަކުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ތަޢުލީމާއި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށް ދެއްވާ އަހައްމިއްޔަތުގެ ދަށުން ހުޅުވާލި މި ފުރުސަތުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ޒަކާތު ހައުސްގެ އީމެއިލް މެދުވެރިކޮށެވެ.
ރިއެކްޝަންސް





