މިއަދު ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ
ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް މިއަދު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.
އަދި މިއަދު ދެކުނުގެ ރަށްތަކަށް މޫސުން ރަނގަޅު ނަމަވެސް ކުޑަކޮށް ކެރީގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ގަޑިޔަކު 8 މޭލާއި، 18 މޭލާއި ދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކުގައި ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓުގައި ކަމަށެވެ. އެހެންނަމަވެސް އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓުގައި ކަމަށްވެސް މައުލޫމާތުދެއްވައެވެ.
މި ދުވަސްވަރު ރާއްޖެއަށް ވައިގަދަވެ ވިއްސާރަ ކުރާނެތީ ކުރިމަތިވެދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދެއްވާފައެވެ.
ރިއެކްޝަންސް





