ރައީސްއަށް މަރުގެ އިންޒާރު ދިނުން އެމަނިކުފާނުގެ ޕާޓީން ކުށްވެރިކޮށްފި
ސޯޝަލް މީޑިޔާގައި މީހަކު ރައީސްއަށް މަރުގެ އިންޒާރު ދިނުން އެމަނިކުފާނުގެ ޕާޓީ ޕީއެންސީން ކުށްވެރިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަށް މީހަކު މަރުގެ އިންޒާރު ދިނީ ފޭސްބުކް ޕޯސްޓެއްގެ ކޮމެންޓެއްގައެވެ. އެކަން ކުށްވެރިކޮށް ސަރުކާރު ހިންގާ ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ, ސޯޝަލް މީޑިޔާގައި މީހަކު އިންޒާރު ދިން މައްސަލައާމެދު ނުހަނު ކަންބޮޑުވާ ކަމަށެވެ.
"އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުންވާނެ ފަދަ އަމަލެއް ހިންގާނެ ކަމަށް ބުނެ ދިން އިންޒާރު މިޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ" ބަޔާނުގައި ބުނެފައި ވެއެވެ.
ޕީއެންސީން ބުނީ އެއީ ދައުލަތުގެ ތަހުޤީޤީ އިދާރާތަކުން ސީރިއަސް މައްސަލައެއްގެ ގޮތުގައި އިސްކަން ދީގެން ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ. ހަލުވި ތަހުޤީގެއް ހިންގަން ތަހުގީގީ އިދާރާތަކަށް ޕީއެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
ޕީއެންސީން ބަޔާން ނެރުނުއިރު ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ސިރިއަސް މައްސަލައެއްގެ ގޮތުގައި އެމައްސަލަ ބަލަމުންދާކަމަށް ބުނެފައެވެ.
ޕީއެންސީގެ ބަޔާން ނިންމާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އޮތް ދައުލަތުގެ އިދާރާތަކުން އެމަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ގެންދާނެކަމާ މެދު އެޕާޓީން ޝައްކު ނުކުރާ ކަން ފާހަގަކުރަމުންނެވެ.
ރިއެކްޝަންސް