ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވެ، ވިއްސާރަވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވެ، ވިއްސާރަވާނެ ކަމަށް ލަފާކޮށްފި

51 minutes ago - 11:56
Advertisement
Advertisement

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، މިއަދުވެސް ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.


މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މިއަދު މެންދުރުފަހު 14:00 އާ ހަމައަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފައެވެ. އެ އިދާރާއިން ވިދާޅުވި ގޮތުގައި އެ ސަރަޙައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެއެވެ. މީގެއިތުރުން ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ.


މީގެއިތުރުން، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، މިއަދު ހެނދުނު 09:30 އާ ހަމައަށް މުޅި ރާއްޖެއަށް ވެސް މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ.


މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާން ފަށާފައިވާއިރު، މިހާރު ލަފާކުރެވޭ ގޮތުން އަންނަ ބުދަ ދުވަހާ ހަމައަށް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެއެވެ.
މި ވިއްސާރައިގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.


ވިއްސާރަ ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށް ބެލެވޭތީ، ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement