ކަނޑޫފާ ހިމާޔަތްކުރުމަށް އީޔޫއިން ރާއްޖެއަށް 4 މިލިއަން ޔޫރޯގެ އެހީއެއް ދީފި
ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް 4 މިލިއަން ޔޫރޯގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
"ކޮމިއުނިޓީ ބޭސްޑް މެންގްރޫވް ޕްރޮޓެކްޝަން އެންޑް ރީޖެނެރޭޝަން އިން ދަ މޯލްޑިވްސް" މަޝްރޫއުގެ މާލީ އެހީގެ މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ޝެރީނާ އަބްދުލްސަމަދެވެ. އީޔޫގެ ފަރާތުން މި އެއްބަސްވުން ރަސްމީކޮށް ހަވާލުކޮށްދެއްވީ، އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ފަރާތްޕުޅުން، ހެޑް އޮފް ކޯޕަރޭޝަން ޑރ. ޔޯހާން ހެސޭއެވެ.
މި މަޝްރޫއަކީ ރަށު ފެންވަރުގައި އާންމުން ބައިވެރިކޮށްގެން ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކޮށް އާލާކުރުމަށް ހިންގޭ މުހިންމު މަޝްރޫއެކެވެ. މީގެ މައިގަނޑު ބޭނުމަކީ ގޮނޑުދޮށްތައް ރައްކާތެރިކުރުމާއި، ދިރުންތަކުގެ މުއްސަނދިކަން ދެމެހެއްޓުމެވެ. މިއީ ޕެރިސް އެގްރީމަންޓްގެ ދަށުން ރާއްޖެއިން ކަނޑައަޅާފައިވާ 'ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަންސް' (އެންޑީސީ 3.0) ލަނޑުދަނޑިތައް ހާސިލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
އެއްބަސްވުން ބަދަލުކުރެއްވުމަށްފަހު ސްޓޭޓް މިނިސްޓާ ޝެރީނާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އީޔޫއިން ދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. ވަކިން ހާއްސަކޮށް މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގައި އީޔޫގެ އެއްބާރުލުން ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އީޔޫގެ ހެޑް އޮފް ކޯޕަރޭޝަން ޑރ. ޔޯހާން ވިދާޅުވީ، ކަނޑޫފާތަކަކީ ގޮނޑުދޮށް ހިމާޔަތްކުރުމަށާއި ކާބަން ރައްކާކުރުމަށް ބޭނުންތެރި ނިޒާމެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގެ މުޖުތަމައުތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި އީޔޫގެ ވަފުދުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމުގައި އާންމުންގެ ބައިވެރިވުން އިތުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ބެލެހެއްޓުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





