
ރާއްޖޭގެ އާބާދީގެ %7 އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް- މިނިސްޓްރީ
ރާއްޖޭގެ އާބާދީގެ %7 އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނެފިއެވެ. އެމިނިސްޓްރީން މިއަދު ބުނީ މުޖުތަމަޢުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ، އެމީހުންނަށް ޚާއްޞަ ރައްކާތެރިކަމާއި، އަޅާލުން ބޭނުންވާ ފަރާތްތައް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ތާފާސްހިސާބުތަކަށް އެކަނި ބަލާލި ނަމަވެސް، މި ކުޑަކުޑަ އާބާދީގެ 7 އިންސަތައަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަމަކީ، މީހާގެ ޤާބިލުކަމަށް އޭގެ ސަބަބުން އަސަރުފޯރާ ކަމެއްކަން ފާހަގަކުރައްވާ މިނިސްޓްރީން ވިދާޅުވީ ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށްވުމަކީ މުޖުތަމަޢުއިން އެމީހަކު ބާކީކުރުވާ ސަބަބަކަށް ވެގެންދާ ޙާލަތްތައް ވެސް އަންނަ ކަމަށެވެ. ނަތީޖާއަކީ އެމީހުންނަށް މުޖުތަމަޢުގެ އެހެން މީހުންނާއި އެއްހަމައެއްގައި ކުރިއަރާ ދިއުމަށާއި، މާނަހުރި ގޮތެއްގައި މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމަށް ހުރަސްތަކެއް އެޅިގެންދިއުންކަން މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
" އެހެންނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، މުޖުތަމަޢުގެ ތެރެއިން އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދެވިއްޖެނަމަ، އެ ފަރާތްތައް ބާރުވެރިކުރުވި، އަމިއްލަ މިނިވަންކަމާއިއެކީ މުޖުތަމަޢުގައި ދިރިއުޅުމަށް މަގު ފަހިވެގެން ދާނެއެވެ."
ޝާމިލުކުރަނިވި މުޖުތަމަޢެއް ބިނާކުރުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅުންހުރި މުހިންމު ކަންކަން ނިންމުމުގައި އެމީހުންގެ ޚިޔާލު ހޯދަންވާނެކަން މިނިސްޓްރީން ފާހަގަކުރެއްވިއެވެ. އެގޮތުން، ޢާއިލާގެ ތެރޭގައި ނިންމާ ނިންމުންތަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ މުސްތަޤުބަލާއި ގުޅުންހުރި ކަންކަން ނިންމުމުގައި، ވީހާވެސް ބޮޑަށް އެމީހުންގެ ބަސް ހޯދުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތަޢުލީމާއި، ތަޖުރިބާ އަދި އެކި ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ވެސް ފުދުންތެރި އަދި ތަނަވަސް ޢާއިލާތަކެއް ބިނާކުރުމުގައި މުހިންމު ކަމެއްކަން ފާހަގަކުރައްވާ މިނިސްޓްރީން ވިދާޅުވީ މިކަމުގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަސައްކަތުގެ ޤާބިލުކަން އިތުރުކުރެވި، ވީހާވެސް ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މައިދާނުތަކަށް ނުކުތުމަށް ހިތްވަރު ލިބިގެންދާ ކަމަށެވެ.
ރިއެކްޝަންސް






