މިނިވަން އަދި ތަހުޒީބު ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް އެންމެ މުހިއްމީ ދިވެހި ގައުމިއްޔަތު ނެގެހެއްޓުން- ރައީސުލްޖުމްހޫރިއްޔާގެ ނައިބު
މިނިވަން އަދި ތަހުޒީބު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމަށް އެންމެ މުހިއްމީ ދިވެހި ގައުމިއްޔަތު ނެގެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި މިއަދު ފެށި ދިވެހި ގައުމިއްޔަތުގެ އިސްވާރު މަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިނިވަން އަދި ތަހުޒީބު ގައުމެއްގެ ގޮތުގައި އެތައްހާސް އަހަރަކަށް ރާއްޖެ ދެމިއޮތުމަށްޓަކައި އެންމެ މުހިއްމު ކަމަކީ ދިވެހި ގައުމިއްޔަތު ނެގެހެއްޓުން ކަމަށެވެ. އަދި ދިވެހިންގެ ގައުމިއްޔަތާމެދު ފަޚުރުވެރިވާ ބަޔަކަށް އަޅުގަނޑުމެން އެންމެންވެސް ވުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއަދު ފެށި އދަރުބާރުގައި ދިވެހި ގައުމިއްޔަތާ ގުޅުންހުރި އަދި ދިވެހީންގެ އަމިއްލަވަންތަކަމާ ގުޅުންހުރި ވަރަށްމުހިއްމު ދާއިރާތަކުން މައުލޫމާތު ހުށަހެޅި އިލްމީ މަޝްވަރާތަކެއް ކުރެވި, އައު އީޖާދީ ވިސްނުންތަކެއް ލިބިގެންދާނެކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ އަމިއްލަ ބަހެއް, އަމިއްލަ އަކުރެއް އަމިއްލަ ސަގާފަތެއް, އަމިއްލަ އާދަކާދަތަކެއް އަދި އަމިއްލަ ފަންނުވެރިކަމެއް އެބައޮތް. މިއީ ދުނިޔޭގެ ބައެއް ގައުމުތަކަށް ލިބިފައިނުވާ ނަސީބެއް.
އަޅުގަނޑުމެންނަށްވުރެ މާބޮޑަތި މާ މުއްސަނދި, ގައުމުތަކެއްވެސްވޭ. މިދެންނެވި ގައުމިއްޔަތުގެ ރުކުންތައް ފުރިހަމައެއްނުވޭ. އެހެންކަމުން ދިވެހީންނަކީ ވަރަށް ނަސީބުގަދަ ބައެއް." ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމިއްޔަތުގެ އިސްވަރު އުފައްދަވާ, ގައުމީ ކަންކަން އެންމެ އުހަށް ނަންނަގަވަން ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން އެގެންދަވާ މަސައްކަތްޕުޅަށް އަޅުގަނޑުމެން އެންމެންގެ ފުރިހަމަ އެއްބާރުލުން ދޭންޖެހޭ ކަމަށެވެ. ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ ކުރިއަށް ގެންދަނީ "ކަޅުއޮށްފުންމި- ދިވެހި ގައުމިއްޔަތުގެ ދަރުބާރު" މިޝިޢާރުގެ ދަށުންނެވެ. މި ދަރުބާރު އަހަރަކު ދެފަހަރު ޤައުމިއްޔަތު ކޮލެޖްގެ ފަރާތުން ކުރިއަށް ގެންދިއުމަސް ވަނީ ނިންމަވާފައެވެ.
ތިން ދަންފަޅިއަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުރަތަމަ ދަރުބާރު ވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ. މިދަރުބާރުގައި އިލްމީ ބޭފުޅުން, އިލްމީ ކަރުދާސްތައް ހުށަހަޅުއްވާނެ ކަމަށް ދިވެހި ބަހާއި ޘަގާފަތާއި, ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެގޮތުން މިމަހާސިންތާގައި 9 ކަރުދާހެއް ހުށަހަޅާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރިއެކްޝަންސް