އަމީނީ މަގުގެ މަސައްކަތާ ގުޅުވައި އަސްލު ޓީވީން ދެއްކީ ދޮގު ވާހަކަތަކެއް، ގާނޫނީ ފިޔަވަޅު އަޅަނީ: އެމްޓީސީސީ

އަމީނީ މަގުގެ މަސައްކަތާ ގުޅުވައި އަސްލު ޓީވީން ދެއްކީ ދޮގު ވާހަކަތަކެއް، ގާނޫނީ ފިޔަވަޅު އަޅަނީ: އެމްޓީސީސީ

1 hour ago - 19:49
Advertisement
Advertisement

އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ގުޅުވައިގެން "އަސްލު ޓީވީ" އިން ފަތުރަމުންދަނީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު މަޢުލޫމާތުތަކެއް ކަމަށް ބުނެ، އެ މީޑިއާއާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.


މިއަދު އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް، އެމްޓީސީސީގެ އިހުމާލާއި، ރައްޔިތުން ރަތަށް" މި މައުޟޫއަށް އަސްލު ޓީވީން އާންމުކޮށްފައިވާ ވީޑިއޯ ރިޕޯޓަކީ އެއްވެސް ދިރާސާއެއް ނުވަތަ ކަމުގެ ހަގީގަތް ބެލުމެއް ނެތި ޝާއިރުކޮށްފައިވާ "ބުހުތާނު ދޮގު" ރިޕޯޓެއް ކަމަށެވެ.


އެމްޓީސީސީން ބުނި ގޮތުގައި މިފަދަ ރިޕޯޓެއް އާންމުކުރުމުގެ މައިގަނޑު މަގުސަދަކީ، އެތައް އަހަރެއްގެ ބުރަ މަސައްކަތުން އެ ކުންފުނީގެ މުވައްޒަފުން ހޯދާފައިވާ ރައްޔިތުންގެ އިތުބާރާއި ރީތި ނަން ކިލަނބުކޮށްލުމެވެ. އަދި މިއީ ކުންފުންޏާއި ރައްޔިތުންނާ ދެމެދު ފިތުނަ އުފައްދައި، ކުންފުނީގެ ހިއްސާދާރުންނާއި ކަސްޓަމަރުންނަށް މާލީ ގޮތުން ގެއްލުން ދިނުމަށް ހިންގާފައިވާ އަމަލެއް ކަމަށްވެސް އެ ކުންފުނިން ތުހުމަތު ކުރެއެވެ.


އަމީނީ މަގުގެ މަޝްރޫއާ ގުޅޭގޮތުން ތަފްސީލު ދެމުން އެމްޓީސީސީން ހާމަކުރި ގޮތުގައި، އެ މަގުގައި އެ ކުންފުނިން ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ މަގުގެ ހެންވޭރު ކޮޅުން، ކުރީގެ މެރިން ރިސާޗް ސެންޓަރު ކަންމަތިން ފެށިގެން ސްޓެލްކޯއާ ދިމާވާ ސަރަހައްދުގައި ސަބްބޭސް ތައްޔާރުކޮށް ތާރު އެޅުމުގެ މަސައްކަތެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 9 ފެބްރުއަރީ 2023 ގައެވެ. އަދި މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 16 ފެބްރުއަރީ 2023 ގައެވެ.


"އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއް ވެސް ކުރަނީ ފަންނީ މާހިރުންގެ ލަފަޔާއި ތަޖުރިބާއާއެކު. ރައްޔިތުންގެ ކުންފުނީގެ ހައިސިއްޔަތުން އަބަދުވެސް އިސްކަންދެނީ ރައްޔިތުންގެ ލާބައާއި މަންފާއަށް،" އެމްޓީސީސީގެ ބަޔާނުގައި ވެއެވެ.


އެ ކުންފުނިން އިތުރަށް ބުނީ، ހަގީގަތެއް ނެތް މިފަދަ ވާހަކަތަކުގެ ސަބަބުން ކުންފުންޏަށް ލިބޭ އިއާދަނުކުރެވޭނެ ބޮޑު ގެއްލުމަކީ ރައްޔިތުންގެ ހިތުގައި އުފެދިފައިވާ އިތުބާރު ކުޑަވުން ކަމަށެވެ. އެހެންކަމުން، މީޑިއާތަކުން ވެސް ކަންކަމުގެ ހަގީގަތް ބަލައި، ހެއްކާއެކު ތެދު މައުލޫމާތު ފެތުރުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.


މި މައްސަލަ ކަމާބެހޭ ފަރާތްތަކުން ބައްލަވައިދިނުމަށް އެދިފައިވާއިރު، ކުންފުނީގެ ހިއްސާދާރުންނާއި ކަސްޓަމަރުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުންފުނީގެ ޤާނޫނީ ޓީމުން މިހާރު ކުރަމުންދާ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement