މިދިޔަ އަހަރު ގާނޫނުތަކުގައި ހުރި ބާގަނޑުތައް ފޫބައްދައި ހައްލު ހޯދުނު: އުއްތަމަ ފަނޑިޔާރު

މިދިޔަ އަހަރު ގާނޫނުތަކުގައި ހުރި ބާގަނޑުތައް ފޫބައްދައި ހައްލު ހޯދުނު: އުއްތަމަ ފަނޑިޔާރު

މިދިޔަ އަހަރު ގާނޫނުތަކުގައި ހުރި ބާގަނޑުތައް ފޫބައްދައި ހައްލު ހޯދުނު ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެ

8 months ago - 06:52
Jan 19, 2024 - 14:38
Advertisement

މިދިޔަ އަހަރު ގާނޫނުތަކުގައި ހުރި ބާގަނޑުތައް ޝަރުއީ ހުކުމްތަކުން ފޫބައްދައި ހައްލުތައް ހޯދުމަށް މަސައްކަތް ކުރެވުނުކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، "ޤަޟާއީ އަހަރު 2024" އިފްތިތާޙުކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

 މި ރަސްމިއްޔާތުގައި ޤަޟާއީ އަހަރު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ޤަޟާއީ އަހަރު 2024 އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ވަނީ ފާއިތުވި އަހަރު ގާނޫނުތަކުގައި ހުރި ބާގަނޑުތައް ޝަރުއީ ހުކުމްތަކުން ފޫބައްދައި ހައްލުތައް ހޯދުމަށް ކުރެވުނު މަސައްކަތުގެ ދަށުން ކައިވެނީގެ މުއްދަތުގައި ދެމަފިރިން ހޯދާފައިވާ މުދާ ހޯދުމަށް ކުރާ ދައުވާތަކުގައި އެ މުދަލާ ގުޅިގެން އެއްބަސްވުމެއް އެކުލަވާލާފައި ނެތް ނަމަވެސް އެ މުދަލާ ގުޅިގެން ޝަރުޢީ ހަމަތަކުގެ މަތިން ދެމަފިރިންނަށް ހަމަހަމައަށް މުދާ ނެގޭނެކަމަށް ސުޕްރީމް ކޯޓުން ގަޒިއްޔާއަކުން ކަނޑައެޅުއްވިކަން ފާހަގަކުރައްވާފައެވެ.

Advertisement

“މަރުގެ މައްސަލަތުގައި ޑީއެންއޭއަކީ އެއަށް ބުރަދަން ދެވިދާނެ ހަރުދަނާ ގަރީނާއެއްކަމާމެދު އުފެދިފައިވާ ޚިޔާލުތަފާތުވުމަށްވެސް ސުޕްރީމް ކޯޓުން ނިންމުމެއް ގެނެވިފައިވޭ. ޑީއެންއޭ ތަހުލީލަކީ އެ ތަހުލީލުތަކުގެ ޢިލްމާއި ގާބިލުކަން ހުރި ފަރާތްތަކުން އެކުލަވާލާ ސައްޙަކަން ކަށަވަރު ތަހުލީލް ރިޕޯޓެއްނަމަ އެއީ ބުރަދަން ދެވިދާނެ ހަރުދަނާ ޤަރީނާއެއްކަމުގައި މިހާރު ވަނީ ކަނޑައަޅާފައި،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ވާރޭ ވެހުމުގެ ސަބަބުން ބައެއް ކޯޓުތަކުގެ ތަކެއްޗަށް ގެއްލުންވެ، މަސައްކަތްތައް މަޑުޖެހުނުއިރު ކްރިމިނަލް ކޯޓު ހިންގަމުން އަންނަ އިމާރާތް ބާވެ މީހުން ހާޒިރުކޮށް މަސައްކަތް ކުރުމަށް ދަތިވުމުން މަސައްކަތްތައް ހުއްޓިފައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމް ހުއްޓި، މުޖުމަތައަށް ނޭދެވޭ އަސަރު ކުރާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާރުން މިހާރަށް ދައުލަތުގެ އެންމެން ގުޅިގެން އަވަސް ހައްލެއް އެކަމަށް ހޯދައިދޭން ޖެހޭކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މީގެ އިތުރުން މަދަނީ އަދި ޖިނާއީ ބޮޑެތި މައްސަލަތަކެއްގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ދައުލަތުން ވަކީލަކު އައްޔަންކުރުމުގެ ފުރުޞަތު ފަހިވާ ފަދަ އޮނިގަނޑެއް އެކުލަވާލަން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޤާނޫނުތައް އިސްލާހުކުރުމުގައި ޝަރުޢީ ދާއިރާއިން ދޭން ޖެހޭ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވައި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށްޓަ ކުރާ މަސައްކަތުގައި ސާބިތުކަމާއެކު ދެމި ތިބޭނެކަމުގެ ޔަގީންކަން ވެސް އުއްތަމަ ފަނޑިޔާރު ދެއްވިއެވެ.

ރޭ ބޭއްވި ހަފްލާގައި ވަނީ ޝަރަފުވެރިކަމާއެކު މުސްކުޅިކުރައްވާފައިވާ 22 ފަނޑިޔާރުން ތަގުރީންކުރައްވައި ޝަރަފުގެ މެޑައްޔާއި ޝަރަފުގެ މުގުރު އަރުވާފައެވެ. އަދި ޝަރުޢީ ދާއިރާއަށް 35 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތް ކުރައްވާފައިވާ ހަ ބޭފުޅަކަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement