ޖަނަވާރުންނަށް އިހާނެތިކޮށް ހިތާނަމަ ބޮޑެތި ޖޫރިމަނާތަކެއް ކުރަނީ
ޖަނަވާރުންނަށް އިހާނެތިކޮށް ހިތުމާއި، އެ ތަކެއްޗަށް އެކިފަދަ އަނިޔާތައް ކޮށް މަރައި، އަދި އެއްވެސް ބެލެހެއްޓުމެއް ނެތި މަގުމައްޗަށް ދޫކޮށްލާ މައްސަލަތަކުގެ ޝަކުވާ ލިބެމުންދާތީ، އެފަދަ ޢަމަލުތައް ނުހިންގުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖަނަވާރުންނަކީ ފުރާނަ ހުރި މަޚްލޫޤުންނަށް ވީހިނދު، އެ ތަކެއްޗަށް އޯގާތެރިކޮށް ހިތުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ގޮތުންނާއި ޤާނޫނީ ގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ. ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރެއްވި "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނު" ގެ ދަށުން، ޖަނަވާރުންނަށް ލިބިދޭންޖެހޭ އަސާސީ ޙައްޤުތައް މިހާރު ވަނީ ޤާނޫނީ ގޮތުން ކަނޑައަޅައި ކަށަވަރުކޮށްދީފައެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ޙައްޤުތަކަކީ މިހާރު ޤާނޫނީ ގޮތުން ރައްކާތެރިކަން ދީފައިވާ ކަންކަމަށް ވާތީ، ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާ މެދު ޖޫރިމަނާކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ފިޔަވަޅުތައް އެޅޭނެއެވެ. އެގޮތުން ޖަނަވާރުންނަށް އިހާނެތި އަމަލެއް ހިންގާ ފަރާތްތައް، އަމަލުގެ ކުޑަބޮޑުމިނަށް ބަލައި 5,000 ރުފިޔާ އާއި 50,000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލާ ފަރާތްތައް 5,000 ރުފިޔާ އާއި 10,000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މިނިސްޓްރީން ވަނީ ޖަނަވާރުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް އެންމެހާ ރައްޔިތުން ޒިންމާދާރުވުމަށް އެދިފައެވެ. އަދި މިފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޝަންސް









