ކޯޓު އަމުރަށް ގޮންޖަހައި ހިތުހުރި ގޮތަކަށް އަމަލުކުރުމަކީ ޑިމޮކްރަސީއެއް ނޫން: މިނިސްޓަރު ޝިޔާމް

ކޯޓު އަމުރަށް ގޮންޖަހައި ހިތުހުރި ގޮތަކަށް އަމަލުކުރުމަކީ ޑިމޮކްރަސީއެއް ނޫން: މިނިސްޓަރު ޝިޔާމް

56 minutes ago - 11:14

ކޯޓު އަމުރަށް ގޮންޖަހައި ހިތުހުރި ގޮތަކަށް ނޫސްވެރިން ޢަމަލުކުރުމަކީ ޑިމޮކްރަސީގެ ސިފައެއް ނޫންކަމަށް ވިދާޅުވެ، މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް "އަދަދު" ނޫހުގެ ނޫސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.


ވަޒީރު ޝިޔާމް މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން ތައްޔާރުކުރި ވީޑިއޯއަކާ ގުޅޭގޮތުން ވާހަކަނުދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނިކޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ނޫހުގެ ނޫސްވެރިއަކު އެ އަމުރާ ޚިލާފަށް ސުވާލުކުރުމާ ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.


ޝިޔާމް ވިދާޅުވީ ރައީސް މުޢިއްޒަކީ މީޑިއާއާ ބީރައްޓެހި ބޭފުޅެއްގެ ގޮތުގައި ސިފަކުރަން ވާދަވެރި ސިޔާސީ ފަރާތްތަކުންނާއި ބައެއް މީޑިއާތަކުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ކުރާ ފިތުނަވެރި މަސައްކަތެއް ކަމަށެވެ. އަދި ރައީސް މަސައްކަތްކުރައްވަނީ މީޑިއާތަކާ ވަރަށް ގާތުންކަން ފާހަގަކުރައްވައި، ކޮންމެ ހަފްތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވައި މަޢުލޫމާތު ހިއްސާކުރައްވާކަމުގެ ހެކި ޝިޔާމް ދެއްކެވިއެވެ.


ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި ކްރިމިނަލް ކޯޓުގެ 'ގޭގް އޯޑަރާ' ޚިލާފުވުމުން "އަދަދު" ނޫހުގެ ނޫސްވެރިޔާ ވަނީ އެ މާލަމުން ނެރެފައެވެ. މިކަމާ ގުޅޭގޮތުން ޝިޔާމް ވިދާޅުވީ، ޝަރުޢީ ކޯޓުތަކުގެ އަމުރުތަކަށް ތަބާވުމާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށާއި، ރައީސް އަދާކުރެއްވީ އެ ޒިންމާ ކަމަށެވެ.


ވަޒީރު އިތުރަށް ވިދާޅުވީ، މިނިވަން ނޫސްވެރިކަމުގެ ނަމުގައި މީހުންގެ އަބުރު ނަގާލައި، ކޯޓު އަމުރުތަކަށް ގޮންޖެހުމަކީ ނޫސްވެރިކަމުގެ އަޚްލާޤީ ހަމަތަކާ ޚިލާފު ދަށުދަރަޖައިގެ ޢަމަލެއް ކަމަށެވެ. އަދި މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކަކީ އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ އެހެން ނޫސްވެރިންނަށްވެސް އެޅޭ ހުރަހެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.


"އަދަދު" ނޫހުގެ ވީޑިއޯއާ ގުޅިގެން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލައަކާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހުއެވެ. އެ އަމުރުގައި ވަނީ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ވީޑިއޯ މުޖުތަމަޢުގެ ތެރޭގައި ދައުރުނުކުރުމަށް އަންގާފައެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ "އަދަދު" ނޫހުގެ ނޫސްވެރިޔާގެ އަމަލުތަކަށް ފާޑުކިޔަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow