
ގޭންގް ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ ސަރުކާރަށް މަޖުބޫރުކަމެއް އޮވެގެން ފާސްކުރި ޤާނޫނެއް ނޫން- ބަންޑާރަ ނައިބު
މީގެކުރީގައި މިރާއްޖޭގައި މިމައްސަލަ ހައްލުނުކުރެވި އޮތީ އެޕޮލިޓިކަލް ވިލް ނެތިގެން-ރައީސް
ގޭންގް ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ ސަރުކާރަށް މަޖުބޫރުކަމެއް އޮވެގެން ފާސްކުރި ޤާނޫނެއް ނޫންކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު މިފަދައިން ވިދާޅުވީ ގޭންގް ކުށްތަކާއި އެނޫންވެސް ބޮޑަތި ކުށްތައް ހުއްޓުވުމުގެ ޤާނޫނު ތަސްދީޤު ކުރެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ބަންޑާރަނައިބު ވިދާޅުވީ އެބިލް ސަރުކާރުން މަޖިލިހަށް ފޮނުއްވީ އެއްވެސް މަޖުބޫރުކަމެއް ނެތި, އެމައްސަލަ ހައްލުކުރުމުގެ ވިސްނުން ރައީސުލްޖުމްހޫރިއްޔާގެ ހުރުމުން ކަމަށެވެ. އެބިލަކީ ސީދާ ރައީސްގެ އިސްނެންގެވުމަށް ހުށަހެޅުއްވި ބިލެއް ކަމަށް ބަންޑަރަނައިބު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިމައްސަލަ ހުށަހެޅުއްވީ މިމައްސަލަ ހައްލުކުރަން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާތީ ކަމަށެވެ.
"އަޅުގަނޑުމެންގެ ހުރިހާ މުއައްސަސާތަކެއްގެ ކޮމިޓްމަންޓް އެބައޮތް. ރައީސް ބޭނުންފުޅުވޭ މިމައްސަލައަށް ހައްލެއް ގެންނަން." ބަންޑާރަނައިބު ވިދާޅުވިއެވެ.
މީގެކުރިންވެސް ގާނޫނެއް އޮތްނަމަވެސް އެގާނުނުގެ އުނިކަންތައްތަކުގެ ސަބަބުން މީހެއްގެ މައްޗަށް ދައުވާ ނުކުރެވުނުކަން ފާހަގަކުރައްވާ އޭޖީ ވިދާޅުވީ, މިހާރު ޤާނޫނުން ވާނީ އެމައްސަލަތަކަށް ހައްލެއް ގެނެސްފައި ކަމަށެވެ.
ބިލްތަސްދީގު ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ މިފަދަ ބޮޑަތި މައްސަލަތަކަށް މިދިޔަ ސަރުކާރުތަކުގައި ހައްލު ގެނެވިފައި ނުވަނީ ޕޮލިޓިކަލް ވިލް ނެތުމުން ކަމަށެވެ. އެއާހިލާފަށް މިސަރުކާރުން ކުށްކުރާ މީހާއަށް ނުބަލާނެ ކަމަށާއި, މައްސަލަ ހައްލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"މީގެކުރީގައި މިރާއްޖޭގައި މިމައްސަލަ ހައްލުނުކުރެވި އޮތީ އެޕޮލިޓިކަލް ވިލް ނެތިގެން, އެނޫން އެއްވެސް ސަބަބެއް ނެތް. ގޭންގްތަކަށް ނޫނީ އެކަމުގައި އުޅޭ ފަރާތްތަކަށް ދީލާލަނީ އަމިއްލަ މަސްލަހަތަށް" ރައީސް ވިދާޅުވިއެވެ.
އެކްޓިންގ ޕޮލިސް ކޮމިޝަނަރ އިސްމާއީލް ނަވީން ވިދާޅުވީ ޤާނޫނަށް އަމަލުކުރާ ހިސާބުން ޔުނިފޯމް އެޅި އެއްވެސް ފުލުހަކު އެފަދަ ކުށެއްގައި ބައިވެރިނުވާނެކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރިއެކްޝަންސް






