އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް ފަށައިފި

އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް ފަށައިފި

1 hour ago - 17:42
Advertisement
Advertisement

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރުމަށް ބޭނުންވާ ރަސްމީ މަޝްވަރާތައް ފަށާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މި އެއްބަސްވުމުގެ ރަސްމީ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން މިދިޔަ ހޯމަ ދުވަހު ބާއްވާފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ މައިގަނޑު އޮނިގަނޑު ނުވަތަ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ދެ ގައުމުން ސޮއިކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.


ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދެ ގައުމުގެވެސް އަމާޒަކީ މި މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމާލުމެވެ. މި މަސައްކަތް ކުރިއަށްދަނީ ސަރުކާރުގެ ފަންނީ މާހިރުންނާއި އަމިއްލަ ސެކްޓަރުގެ ތަޖުރިބާކާރުންގެ ލަފަޔާ އެކުގައެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އުފައްދާ ތަކެތި ބޭރުގެ ބާޒާރުތަކަށް ފޮނުވުމުގައި ޑިއުޓީގެ އިނާޔަތްތަކާއި އެހެނިހެން ލުއިތައް ހޯދުމަށް ސަރުކާރުން އިސްކަންދޭނެއެވެ.


"އަޅުގަނޑުމެންގެ ޓާގެޓަކީ ވީ އެންމެ އަވަހަކަށް މިކަން ނިންމާލުން. މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އިންޑިއާއާއެކު މި އެއްބަސްވުން ގާއިމުވުމުން، ދުނިޔޭގެ އެންމެ ބޮޑު ދެ ކޮންސިއުމާ މާކެޓް ކަމަށްވާ ޗައިނާ އަދި އިންޑިއާއާއެކު ރާއްޖެއިން މިނިވަން ވިޔަފާރީގެ ގުޅުން ގާއިމުކުރެވޭނެ ކަމަށެވެ.


ރާއްޖެއިން މިހާރުވެސް ވަނީ ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. މީގެ އިތުރުން، ތުރުކީވިލާތާއެކުވެސް ޚާއްޞަ ވިޔަފާރީގެ އެއްބަސްވުމެއްގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement