އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް ޝަކީލް އައްޔަންކުރުމަށް މަޖިލީހުން ރުހުންދީފި
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމުގެ މަޤާމަށް މުޙައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި، ޝަކީލް އަށް ރުހުން ދިނުމަށް ފެންނަ ކަމަށް 51 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. އޭނާއަށް ރުހުން ދިނުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ. މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ރުހުން ދިނުމަށް ބޭނުންވަނީ މަޖިލީހުގެ 30 މެންބަރުންގެ ވޯޓެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމު ހުސްވީ، އެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ޒާހިދު މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރެއްވީ މި މަހުގެ 24 ވަނަ ދުވަހުއެވެ. ކޮމިޝަނަށް ކަނޑައަޅާފައިވާ 5 މެންބަރުންގެ އަދަދު ހަމަވުމުން، ކޮމިޝަންގެ ރައީސްކަމަށް ޝަކީލް އައްޔަންކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިއްޔެއެވެ.
މުޙައްމަދު ޝަކީލަކީ އިލެކްޝަންސް ކޮމިޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2014 އިން 2018 އަށް އެ ކޮމިޝަންގެ މެންބަރުކަން ކުރައްވާފައިވާއިރު، އޭގެ ކުރިން ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. އީސީގެ މެންބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން ޝަކީލް ހުންނެވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ.
އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު ބުނާގޮތުން، ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަންކުރާނީ، ކޮމިޝަންގެ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންތަކަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުންނެވެ.
ރިއެކްޝަންސް

