ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައިފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގައި، ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިޚާބުގައި، ރަށުން ބޭރުގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު އޮންނާނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މިމަހުގެ 18 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާގޮތުގައި، މި މުއްދަތުގައި ރަޖިސްޓަރީވުމަށް ހުށަހަޅަންޖެހޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތައް އެކަނިކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ފަރާތްތައް، މި ބައި-އިލެކްޝަނުގައި އޮޓޯއިން ރަޖިސްޓަރީވެފައި އޮންނާނީ މާލެއަށެވެ.
ރިސޯޓުތަކާއި، ޖަލުތަކާއި، އަދި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ކުރިން ރަޖިސްޓަރީވެފައިވާ މީހުން، މި އިންތިޚާބުގެ ރަޖިސްޓަރީގައި މިހާރު ހިމެނިފައިވަނީ އެމީހެއްގެ ދާއިމީ އެޑްރެހަށެވެ. އެހެންކަމުން، އެފަދަ ފަރާތްތަކުން އެހެން ތަނެއްގައި ވޯޓުލާން ބޭނުންނަމަ އަލުން ރީ-ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.
ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ޗެކްކުރުމަށްޓަކައި 'VR [space] ID Number' ޖެހުމަށްފަހު 1414 އަށް އެސް.އެމް.އެސް ކޮށްގެން ނުވަތަ ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް މެދުވެރިކޮށް ބެލޭނެއެވެ.
ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށެވެ. ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއަކާއި ފޮޓޯއެއް ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް 'މައި ޕޯޓަލް' މެދުވެރިކޮށް ވެރިފައިޑް އީފާސް އެކައުންޓަކުން ހުށަހަޅާނަމަ، ފޮޓޯ ނުވަތަ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅާކަށް ނުޖެހޭނެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަން ސުޕްރީމް ކޯޓަށް ސާބިތުވެ، އޭނާގެ މެންބަރުކަމުގެ ޝަރުޠު ގެއްލިފައިވާކަމަށް އެ ކޯޓުން ކުރި ޙުކުމާ ގުޅިގެންނެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 4،114 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރިއެކްޝަންސް

