ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފި

ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފި

5 hours ago - 10:37
Advertisement
Advertisement

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މިއަދުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.


މެޓް އޮފީހުން ވިދާޅުވި ގޮތުގައި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.


ކުރިއަށްއޮތް ގަޑިތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ. މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.


ކުރިއަށްއޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.


މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާންމުކޮށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ވާރޭވެހިފައިވަނީ ސ. ހިތަދޫއަށެވެ. އެގޮތުން އެ ރަށަށް 59.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރެކޯޑުކުރެވިފައިވެއެވެ.


މި ދުވަސްވަރު ރާއްޖެއަށް ވައިގަދަވެ ވިއްސާރަ ކުރަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދެއްވާފައެވެ. އެގޮތުން ފެންބޮޑުވެދާނެ ކަމަށް ބަލައި ތައްޔާރުވުމަށާއި، ވައިގަދަވާ ހާލަތުގައި އެއްލާލަފާނެ ފަދަ ތަކެތި ރަނގަޅަށް އައްސައި ރައްކާތެރިކުރުމަށް އިދާރާތަކުން ވަނީ އެދިފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement