ޔޫއޭއީ ސަފީރަކަށް ޠާރިޤް އަދި ޤަތަރަށް އާދަމް ޝަރީފު
ކުރީގެ ދެ ވަޒީރުން ކަމުގައިވާ ޠާރިޤް އިބްރާހިމް އާއި އާދަމް ޝަރީފް އުމަރު، ރާއްޖެއިން ބޭރުގެ ދެ ގައުމަކަށް ކަނޑައަޅުއްވާ ސަފީރުންގެ ގޮތުގައި އައްޔަން ކުރުމުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ފޮނުއްވެވި ސިޓީފުޅުގައިވާ ގޮތުން، ޠާރިޤް އިބްރާހީމް އައްޔަން ކުރެއްވުމަށް ނިންމަވާފައިވަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށެވެ. ޠާރިޤް އިބްރާހީމަކީ މި ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރުގެ މަޤާމުގެ އިތުރުން، މީގެ ކުރިން ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން، ގަތަރަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށް އައްޔަން ކުރެއްވުމަށް ރައީސް ހުށަހަޅުއްވާފައިވަނީ އާދަމް ޝަރީފް އުމަރުގެ ނަންފުޅެވެ. އާދަމް ޝަރީފް އުމަރު މީގެ ކުރިން ހުންނެވީ މި ސަރުކާރުގެ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުގެ މަޤާމުގައެވެ.
މި ދެ ބޭފުޅުން ވަޒީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖިލީހަށް ގެންނަން ބޭނުންފުޅުވި އިދާރީ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. ވަޒީރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސް ވަނީ އެ ދެ ބޭފުޅުން މިހާރު ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް އައްޔަން ކުރައްވާފައެވެ.
މި ދެ ބޭފުޅުން ސަފީރުކަމަށް އައްޔަންކުރުމާ މެދު ގޮތެއް ނިންމުމަށްޓަކައި، މި މައްސަލަ މިހާރު ވަނީ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
ރިއެކްޝަންސް





