
ސިޔާސީ މަޤާމުތަކުގައި މިހާރު ތިއްބެވީ 922 މުވައްޒަފުން: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ސިޔާސީ މުވައްޒަފުންގެ ގޮތުގައި ސަރުކާރުގެ އެކި މަޤާމްތަކުގައި މިހާރު ތިއްބެވި މުވައްޒަފުންގެ އަދަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ސިޔާސީ މަގާމްތަކުގައި ތިއްބެވީ 922 މުވައްޒަފުން ކަމަށެވެ.
މިއަދު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިއުކުރައްވާފައިވާ ގޮތުން ސިޔާސީ މަޤާމްތަކުގައި މުވައްޒަފުން ތިއްބެވީ މައިގަނޑު 7 ގިންތިއެއްގައެވެ.
އެގޮތުން ވަޒީރުންގެ ގޮތުގައި 20 ބޭފުޅަކު ތިއްބެވިއިރު ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން ތިއްބެވި ކަމަށް އެއޮފީހުން ހާމަކުރައްވާފައި ވެއެވެ. ސްޓޭޓް މިނިސްޓަރުންގެ ގޮތުގަ އާއި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ޖުމްލަ 100 ބޭފުޅުން އައްޔަނު ކުރައްވާފާއިވާއިރު, އެތަނުން 93 ބޭފުޅުންނަކީ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އައްޔަނުކުރައްވާފައިވާ ބޭފުޅުންނެވެ.
ސަރުކާރުގެ ސިޔާސީ މަޤާމްތަކުގައި އެންމެ ގިނައީ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި އައްޔަނުކުރައްވާފައިވާ ބޭފުޅުންނެވެ. 318 ބޭފުޅަކު އެމަޤާމްގައި ތިއްބެވިއިރު, މަޤާމްގެ ފެންވަރުގައި ވެސް އިތުރު 08 ބޭފުޅަކު ތިއްވެބިކަން ވަނީ ހާމަކުރައްވާފައެވެ.
ދެވަނައަށް އެންމެ ގިނައީ ޑެޕިއުޓީ މިނިސްޓަރުންނެވެ. 216 ޑެޕިއުޓީ މިނިސްޓަރުންނާއި އެކު އިތުރު 20 ބޭފުޅަކު ޑެޕިއުޓީ ފެންވަރުގައިވެސް އައްޔަނުކުރައްވާފައި ވެއެވެ. ތިންނަ އަށް އެންމެ ގިނަ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ޖުމްލަ 173 ބޭފުޅުން އައްޔަނުކުރައްވާފައިވެއެވެ.
އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 4 ބޭފުޅަކު ތިއްބެވި އިރު އެހެނިހެން ސިޔާސީ މަޤާމްތަކުގައި 49 ބޭފުޅުން ތިއްބެވި ކަމަށްވެސް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
ސަރުކާރުގެ ސިޔާސީ މަޤާމްތަކަށް ބޭފުޅުން އައްޔަނުކުރަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަަނަ މާއްދާގެ (ޅ) ގެދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ރައީސް އޮފީހުން ހާމަކުރެވި ގޮތުގައި ސިޔާސީ ގޮތުން އައްޔަނުކުރައްވާ ބޭފުޅުން ވަކިކުރެއްވުމާ, އިސްތިއުފާ ދެއްވުމާއި, އަލަށް ބޭފުޅުން އައްޔަނު ކުރެއްވުމަކީ ކޮންމެ ރިޔާސީ ދައުރެއްގައިވެސް ހިނގަ ހިނގާ ހުންނާ ކަންކަމަށްވާތީވެ, ސިޔާސީ މުވައްޒަފުންގެ އަދަދަށް އަބަދުވެސް ބަދަލު އަންނަމުންދާނެއެވެ.
ރިއެކްޝަންސް






