ބީއެމްއެލް އިން ސަފާރީ އުޅަނދުފަހަރަށް ޚާއްސަކޮށް "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފި

ބީއެމްއެލް އިން ސަފާރީ އުޅަނދުފަހަރަށް ޚާއްސަކޮށް "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފި

1 hour ago - 18:42
Advertisement
Advertisement

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ ސަފާރީ އުޅަނދުފަހަރު ނުވަތަ ލިވަބޯޑް ދާއިރާ ކުރިއެރުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ޚާއްސަ ފައިނޭންސިންގ ފެސިލިޓީއެއް ތައާރަފުކޮށްފިއެވެ. "ލިވަބޯޑް ފައިނޭންސް" ގެ ނަމުގައި ތައާރަފުކުރި މި ޚިދުމަތަކީ މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މާލީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ފުރުސަތެކެވެ.


ބީއެމްއެލްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނީ، މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި، ބަނުމަށާއި، އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރުމަށް ކަމަށެވެ. އަދި އުޅަނދަށް ބޭނުންވާ އެކި ސާމާނާއި ވަސީލަތްތައް ހޯދުމަށްވެސް މި ލޯނު ބޭނުންކުރެވޭނެއެވެ. މީގެ ސަބަބުން މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފްލީޓް ފުޅާކުރުމަށާއި، ބައު އުޅަނދުފަހަރު ޒަމާނީ ކުރުމަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.


މި ފެސިލިޓީގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މިއީ ރާއްޖޭގައި މިވަގުތު އުޅަނދުފަހަރަށް ދޫކުރާ އެންމެ ކުޑަ އިންޓްރެސްޓް ރޭޓް ކަމަށްވާ އަހަރަކު 9.5 އިންސައްތައިގައި ދޫކުރާ ފެސިލިޓީއަކަށް ވުމެވެ. މީގެ އިތުރުން، މި ފެސިލިޓީގެ ދަށުން ރަހުނުގެ ގޮތުގައި ބޭނުންވާނީ ހަމައެކަނި ފައިނޭންސްކުރާ އުޅަނދު ކަމަށާއި، އިތުރު ރަހުނެއް ބޭނުން ނުވާނެ ކަމަށް ބޭންކުން ބުނެއެވެ.


ފައިނޭންސް އަނބުރާ ދެއްކުމަށް ހަތް އަހަރުގެ މުއްދަތެއް ލިބޭއިރު، ފައިސާ ދެއްކުން ހަމަޖައްސާފައިވަނީ މި ދާއިރާގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ބަލައިގެންނެވެ. މީގެ ސަބަބުން އުޅަނދު ދުއްވައިގެން ލިބޭ އާމްދަނީއާ އެއްގޮތަށް ފައިސާ ދެއްކުމުގެ ފުރުސަތު އޮޕަރޭޓަރުންނަށް ލިބޭނެއެވެ. މި ފައިނޭންސަށް ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ އެމެރިކާ ޑޮލަރުންނެވެ.


މިކަމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ލިވަބޯޑް އުޅަނދުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް ދާއިރާ ކަމަށެވެ. "ލިވަބޯޑް ފައިނޭންސްގެ ނަމުގައި އަޅުގަނޑުމެން މި ތައާރަފުކުރި މާލީ ޚިދުމަތަކީ، މި ސިނާއަތަށް އާމްދަނީ ލިބޭ ގޮތާއި ޚަރަދުތައް ހިނގާ ގޮތަށް ބަލައި، ހާއްސަކޮށް ފަރުމާކޮށްފައިވާ ޚިދުމަތެއް،" އޭނާ ވިދާޅުވިއެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މި ފައިނޭންސިންގެ ސަބަބުން ތަޖުރިބާކާރު އޮޕަރޭޓަރުންގެ އިތުރުން މި ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ރައުސްމާލު ހޯދުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ދިވެހި އިޤްތިޞާދުގެ މުހިންމު ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement