ޤައުމީ ޤުރުއާން މުބާރާތް މިއަހަރުން ފެށިގެން ސީދާ ދައުލަތުގެ ބަޖެޓުން
ޤައުމީ ޤުރުއާން މުބާރާތް މިއަހަރުން ފެށިގެން ކުރިއަށްގެންދާނީ ސީދާ ދައުލަތުގެ ބަޖެޓުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެމިނިސްޓްރީން ބުނީ މިހާތަނަށް ޤައުމީ ޤުރުއާން މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށެވެ.
އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ސީދާ ދަޢުލަތުގެ ބަޖެޓުގައި ލިޔެވިގެން، ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މުބާރާތަކަށް ހެއްދެވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. މިކަމުން އެނގިގެންދަނީ މި ސަރުކާރުން ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރެއްވުމަށާއި، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ދޭ އަހައްމިޔަތުކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މިއަހަރުން ފެށިގެން ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ގޮތުގައި ވަކި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ރަސްމިއްޔާތުގެ ތައްޔާރީތައްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ކުރަމުން ގެންދަވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު، އެންމެ ގިނަ ދަރިވަރުން ބައިވެރިވާ ޤުރުއާން މުބާރާތެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ހައިބަތު ބޮޑު، އަދި ސަރުކާރުން އެ މުބާރާތަކަށް ވަރަށް އިސްކަމެއް ދެއްވާނެ މުބާރާތެއްކަން ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2025 ވަނަ އަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ އެންމެ ބޮޑެތި އިނާމުތައް ދީގެން އަދި އެންމެ އިނާމުތައް ގިނަ މުބާރާތްކަމުގައި ހައްދަވާނެކަމަށެވެ.
ރިއެކްޝަންސް