މާލޭގެ އިމާރާތަކުން މުށިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ
މާލޭގެ އިމާރާތަކުން މިއަދު ހެނދުނު މުށިގަނޑެއް ވެއްޓި، މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ބޮލުގައި ޖެހި އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފައިވާ ގޮތުގައި، މާފަންނު ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތަކުން އެއްޗެއް ވެއްޓި މީހެއްގެ ބޮލުގައި ޖެހި އަނިޔާވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 6:42 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނަކަށެވެ.
މި ހާދިސާއާ ގުޅޭގޮތުން އިތުރު މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ އިމާރާތުން ވެއްޓިފައިވަނީ ހަމައެކަނި މުށިގަނޑެއް ނޫނެވެ. އޭގެ އިތުރުން ބިއްލޫރިގަނޑެއްވެސް ވެއްޓިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަނިޔާވި މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލަތާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުންނާއި ހޮސްޕިޓަލުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މާލޭގެ އުސް އިމާރާތްތަކުގެ ބެލްކަނީގައި ނުރައްކާތެރިކޮށް ތަކެތި ބެހެއްޓުމާއި، އެ ތަކެތި ވެއްޓި މަގުމަތިން ހިނގާބިނގާވެ އުޅޭ މީހުންނަށް އަނިޔާވުމުގެ ހާދިސާތައް މީގެ ކުރިންވެސް ވަނީ ހިނގާފައެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، ބެލްކަނީގައި ގަސްމުށި ފަދަ ތަކެތި ބަހައްޓާއިރު މަގުމައްޗަށް ވެއްޓިދާނެ ފަދަ ގޮތަކަށް ނުބެހެއްޓުމަށް މާލޭ ސިޓީ ކައުންސިލުން މީގެ ކުރިންވެސް އިލްތިމާސްކޮށްފައިވެއެވެ.
ރިއެކްޝަންސް





