ތަސްލީމް ހޯދުމަށް އިންޓަރޕޯލް ޔެލޯ ނޯޓިސް އަށް އެދިއްޖެ
މިދިޔަ މަހުގެ 29 ވަނަ ދުވަހު ދަތުރުގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުޙައްމަދު ހޯދުމަށް އިންޓަރޕޯލް ޔެލޯ ނޯޓިސް އަށް ފުލުހުން އެދިއްޖެ އެވެ. ތަސްމީލް ހޯދުމުގެ މަސައްކަތާ ގުޅޭގޮތުން ފުލުހުން މިއަދު ޢާއްމުކުރި ބަޔާނުން އިނގޭ ގޮތުގައި އޭނާ ގެއްލުނީ ކަމެއް އަދި ބަޔަކު ގެއްލުވާލީ ކަމެއް ޔަގީނެއް ނޫނެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ އޭނާ ދަތުރު ދިޔައީ އެދަތުރުގެ ބައިވެރިއެއްގެ އުފަން ދުވަސް ފާހަގަކުރުމަށް ކުރި ދަތުރެއްގައި ބެކްޑްރަޕްއާއި ލައިޓިންގެ ކަރަންޓްގެ މަސައްކަތް ކުރުމަށެވެ. ފަންސަވީސް މީހުން ހިމެނޭ ގްރޫޕާއެކު ތަސްލީމް ދިޔައީ ދަތުރުރޭވި މީހުންގެ ރަށްޓެއްސެއްގެ ފަރާތުން ކަމަށް ފުލުހުން ބުންޏެވެ.
ކ.ހުވަފެންފުށިން ހިއްކާފައި އޮތް ފަސްގަނޑަށް ދަތުރު ދިޔައިރު އެތަނުގައި އިތުރު ގްރޫޕެއްވެސް އުޅުނު ކަމަށް ފުލުހުން ބުންޏެވެ. އެރެއާއި އެދުވަހު ހެނދުނުވެސް ތަސްލީމް އެތަނުގައި އުޅުނުކަން އިނގޭ ފޮޓޯއާއި ވީޑިއޯ ހުރި ކަމަށް ފުލުހުން ބުންޏެވެ. ތަސްލީމް އެންމެ ފަހުން ފެނިފައި ވަނީ 30 އޮގަސްޓްގެ 7:45-09:00 އާ ދެމެދުގެ ވަގުތުގައި ކަމަށް ފުލުހުން ބުންޏެވެ. އޭނާ ނެތްކަން ދަތުރުގެ ބައިވެރިންނަށް އިނގުނީ ތަސްލީމް މާލެދާން އެދިފައިވާތީ މާލެ ފޮނުވަން ހޯދަން އުޅެ ނުފެނުމުން ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ. ތަސްލީމް ހޯދީ ހެނދުނު 10:00-11:00 އާ ދެމެދު ފުރަން އޮތް ލޯންޗަކުން މާލެ ފޮނުވަން ކަމަށް ފުލުހުން ބުންޏެވެ. ތަސްލީމް ނުފެނުމުން އެހެން ލޯންޗެއްގައި އޭނާ މާލެ ދިޔައީތޯ ބެލުމަށް އާއިލާއަށް ގުޅި ނަމަވެސް ތަސްލީމް މާލެ ނުދާކަން ޔަގީންވުމން ފުލުހުންނާއި, ސިފައިންނަށް ރިޕޯރޓްކޮށް ހޯދަން ފެށީ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ފުލުހުން ބުނީ ތަހުގީގަށް ތަސްލީމް ދަތުރު ދިޔަ ގްރޫޕް މީހުންގެ އިތުރުން އެދުވަހު ދަތުރު ދިޔަ އެހެން ގްރޫޕެއްގެ މީހުންނާވެސް ސުވާލު ކުރިކަމަށެވެ. ފުލުހުން ބުނީ ތަސްލީމް ހޯދުމަށް ތިން ދުވަސް މަތިން 943,998 އަކަމީޓަރުގެ ސަރަހައްދެ ބެލި ކަމަށެވެ.
ރިއެކްޝަންސް