ޔޫރޯ 2028 ނޮދަން އަޔަލެންޑްގައި ބޭއްވުމުގެ ފުރުޞަތު އެޤައުމަށް ގެއްލެނީ!
ސްޓޭޑިއަމް މަރާމާތު ކުރެވޭނެ ގޮތެއްނެތި, ޔޫރޯ 2028 ނޮދަންއަޔަލެންޑް ގައި ބޭއްވުމުގެ ފުރުޞަތު އެޤައުމަށް ގެއްލިދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ހުކުރު ދުވަހު ޔުނައިޓަޑް ކިންގްޑަމް (ޔޫކޭ)ގެ ސަރުކާރުން ވަނީ އަޔަލެންޑްގެ ކޭސްމަންޓް ޕާކް މަރާމާތުކޮށް ތަރައްޤީކުރަން ކަނޑައަޅާފައިވާ ފައިސާ ދޫކުރެވެން ނެތްކަމަށް އަންގާފައެވެ. ކޭސްމަންޓަ ޕާކަކީ އެމުބާރާތުގެ ފަސް މެޗެއް ކުޅުމަށް ޔުއެފާއިން ކަނޑައަޅާފައިވާ ސްޓޭޑިއަމްއެކެވެ. ރިޕޯޓްތައް ބުނާގޮތުން އެފައިސާ ދޫނުކުރަން ނިންމީ ސްޓޭޑިއަމް މަރާމާތުކުރުމުގެ ޚަރަދު މިހާރުގެ އަގުތަކަށްބަލާއިރު 400 މިލިއަން ޕައުންޑަށްވުރެ ބޮޑުވާނެ ކަމަށް އަންދާޒާ ކުރެވޭތީއެވެ.
2028 ގެ ޔޫރޯ ބޭއްވުމަށް ފާއިތުވި އޮކްޓޯބަރު މަހު ޔުއެފާއިން އެވޯޑް ކޮށްފައިވަނީ ޔޫކޭ އާއި އަޔަލެންޑު ގުޅިގެން ހުށަހެޅި ބިޑަށެވެ. އެމުބާރާތުގެ ޖުމްލަ 24 މެޗެއް ނޯތް އަޔަލެންޑްގެ ނުވަ ސިޓީއެއްގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އަޔަލެންޑްގެ ވެރިރަށް ބެލްފާސްޓްގެ ކޭސްމަންޓް ސްޓޭޑިއަމްވެސް ހިމެނެއެވެ.
މެޗުތައް ކުޅުމަށް ކޭސްމަންޓްޕާކް ސްޓޭޑިއަމް ކަނޑައަޅާފައި ވަނީ ނޮދަންއަޔަލެންޑްގެ ފުޓްބޯޅާއިގެ ޤަދީމީ ސްޓޭޑިއަމް, ވިންޑްސަރ ޕާކްގައި މެޗުތައް ކުރިއަށް ނެގެންދެވޭނެކަމަށް ބިޑިން ޕްރޮސަސްގައި ޔުއެފާއިން ކަނޑައަޅާފައިވާތީއެވެ. އެއީ ސްޓޭޑިއަމްގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޔޫރޯ ފަދަ މުބާރާތެއްގެ މެޗުތައް އެހާކުޑަ ސްޓޭޑިއަމެއްގައި ނުބޭއްވޭނެތީއެވެ.
ނަމަވެސް 2013 ން ފެށިގެން ބޭނުންނުކޮށް އޮތުމުގެ ސަބަބުން ކޭސްމަންޓް ޕާކް ވަނީ ވަރަށް ބޮޑަށް މަރާމާތުކުރަންޖެހިފައެވެ.
ރިޕަބްލިކް އޮފް އަޔަލެންޑުގެ ސަރުކާރާއި ގޭލިކް އެތްލެޓިކް އެސޯސިއޭޝަން އިން ސްޓޭޑިއަމް މަރާމާރުކުރުމަށް ފައިސާގެ ކަންކަން ހަމަޖައްސަމުން ދިޔަނަމަވެސް ޔޫކޭ ސަރުކާރުން ވަނީ އެކަމަށް ފައިސާ ހަރަދުކުނުރާނެކަމަށް ބުނެފައެވެ. އެހެންކަމުން ބެލްފާސްޓްގައި ކުޅުމަށް ކަނޑައަޅާގައިވާ ފަސް މެޗު އިނގިރޭސި ވިލާތާއި, ސްކޮޓްލޭންޑް އަދި ވޭލްސް އާއި ރިޕަބްލިކް އޮފް އަޔަލެންޑްގައި ކުޅުމާމެދު ގޮއްތެއްނިއްމަން މިހާރު ޔުއެފާއަށް ވަނީ ޖެހިފައެވެ.
ނޮދަން އަޔަލެންޑްގެ ސެކްރެޓްރީ ހިލަރީ ބެން އަދި ޔޫކޭގެ ސްޕޯޓްސް މިނިސްޓަރު ލިސާ ނެންޑީ ގުޅިގެން ނޯދަން އަޔަލެންޑުގެ ސްޕޯޓްސް މިނިސްޓަރު ގޯޑަން ލިޔޯންސް އަށް ފޮނުވާފައިވާ ސިޓީގައި ޔޫކޭ ސަރުކާރުން ސްޓޭޑިއަމް އަށް ފަންޑު ނުކުރަން ނިންމި ސަބަބުތައް ބަޔާންކޮށްފައިވެއެވެ.
"އެސްޓިމޭޓް ކޮށްފައިއޮތް އަގު މިވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް މައްޗަށް ގޮސްފަ. އޮކްޓޯބަރު މަހު ބިޑް އެވޯޑް ކުރިއިރު އޭގައި އޮތީ އެކަމަށް ޚަރަދުވާނީ 180 މިލިއަން ޕައުންޑް ކަމަށް. އެކަމަކު މިހާރު އެއަގު 400 މިލިއަން ޕައުންޑަށްވުރެ ބޮޑުވާނެކަމަށް މިއެނގެނީ. އެހެންކަމުން މުބާރާތް ފެށެންވާއިރަށް މި ސްޓޭޑިއަމް ނިންމިދާނެކަމާމެދު ޝައްކު" ބެނީ އަދި ނެންޑީގެ ސޓީގައި ބުނެފައިވެއެވެ.
ކޭސްމަންޓްޕާކްގެ މަރާމާތަށް ޔޫކޭ ސަރުކާރަށް މިހާބޮޑު ފަންޑިންއެއް ދިނުމަކީ އުނދަގޫ ކަމެއްކަމުން މިނިންމުން ނިންމަނީ ވަރަށް ހިތާމަ އާއެކު ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ. އަދި 2028 ގެ ޔޫރޯ ބިޑް ކާމިޔާބުކުރީ ނޯތްއަޔަލެންޑާއި ޔޫކޭ ގުޅިގެން ކަމަށް ވުމުން މި ނިންމުން ނިންމަށް އިތުރަށް އުނދަގޫވި ކަމަށްވެސް ސިޓީގައި ބުނެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ޔުއެފާއިން އަދި މިކަމާގުޅިގެން ވަކިއެއްޗެއް ބުނެފައެއްނުވެއެވެ.
ރިއެކްޝަންސް