ބްރައިޓަން އަތުން އެއްވަރުވެ އާސެނަލްގެ އިންތިޒާރު ދިގުލައިފި
އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު ބްރައިޓަންއާ ވާދަކޮށް 1-1 އާސެނަލް ވަނީ އެއްވަރުވެފައެވެ. މިއާއެކު ލީގު ހޯދުމުގެ ރޭހުގައި ތާވަލްގެ އެއްވަނައާ ގާތަށް ޖެހިލަން އާސެނަލްއަށް އިތުރު އިންތިޒާރެއް ވަނީ ކުރަންޖެހިފައެވެ.
އާސެނަލްއިން މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނެގިއެވެ. 16 ވަނަ މިނިޓްގައި އާސެނަލްގެ ޒުވާން ކުޅުންތެރިޔާ އީތަން ވަނޭރީ ބްރައިޓަންގެ ގޯލް ފޫއަޅުވާލީ މިކޭލް މެރީނޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. މިއީ 17 އަހަރުގެ އީތަން އާސެނަލްގެ ފުރަތަމަ އެގާރައިގައި ހިމެނުނު ދެވަނަ ފަހަރެވެ. އާސެނަލްއިން ފުރަތަމަ ހާފު ނިންމާލީ 1-0 ން ކުރީގައި އޮވެއެވެ.
ބްރައިޓަން އިން ނަތީޖާ އެއްވަރުކުރީ 61 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. ކީޕަރު ޑޭވިޑް ރާޔާ ނުބައި ފަޅިއަށް ޑައިވް ކުރުވުމުގައި ކާމިޔާބު ހޯދާ, ޕެނަލްޓީ ކާމިޔާބުކުރީ ބްރެޒިލްގެ ފޯވާޑް ޔޮއާއޮ ޕެޑްރޯ އެވެ. ޕެޑްރޯ އާއި އާސެނަލްގެ ވިލިއަމް ސަލީބާ މުޑިއެރުމުގެ ތެރޭގައި ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ އެންތަނީ ޓޭލަރ ވަނީ ވަގުތުން ބްރައިޓަން އަށް ޕެނަލްޓީއެއް ދީފައެވެ.
ބްރައިޓަންގެ ދަނޑުގައި ކުޅުނު މެޗުގެ 77 ވަނަ މިނިޓްގައި ބްރައިޓަންގެ ޔަންކުބާ މިންޓެން ގޯލެއް ކާމިޔާބުކުރާނެ ރަނގަޅު ފުރުޞަތެއް ތަނަވަސްކޮށްދިނެވެ. ނަމަވެސް ބޯޅަ ލިބޭ ހިސާބުގައި ތިބި ދެކުޅުންތެރިންނަށްވެސް އެ ބޯޅަ ގޯލާ އަމާޒުކުރުމުގައި ވަނީ ނާކާމިޔާބު ވެފައެވެ.
މެޗުގައި އާސެނަލްއަށް އިތުރު ގޯލެއް ކާމިޔާބު ކުރާނެ މާ ފަހި ފުރުޞަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ޕްރިމިއަރ ލީގުގައި އާސެނަލްގެ ތިންވަނަ ޑްރޯ އާއެކު ލީގު ހޯދުމުގެ ރޭހުގައި ހުރިހާ ފައިދާއެއް ލިބުނީ ލިވަޕޫލްއަށެވެ.
އާސެނަލްއަށް ވުރެ ދެ މެޗު މަދުން ކުޅެ ލިވަޕޫލް މިހާރުވެސް އޮތީ ތާވަލްގެ އެއްވަނަ މަޤާމްގައި 5 ޕޮއިންޓްގެ ލީޑަކާއެކުއެވެ. 18 މެޗުން އާސެނަލް އަށް ދެވަނަ ލިބެނީ 40 ޕޮއިންޓާއެކުއެވެ.
މެޗަށްފަހު ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ވަނީ ބްރައިޓަންއަށް ރެފްރީ ދިން ޕެނަލްޓީ އާމެދު ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާފައެވެ.
ރިއެކްޝަންސް