މެންޗެސްޓަރ ސިޓީން އާ އަހަރުގެ ފެށުން ބޮޑު މޮޅަކާއެކު, ޗެލްސީ އަށް ޕޮއިންޓެއް
އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަހަރު މެންޗެސްޓަރ ސިޓީ ކުޅުނު ފުރަތަމަ މެޗުން ބޮޑު މޮޅެއް ހޯދައިފިއެވެ. ތާވަލްގެ 13 ވަނައިގައި އޮތް ވެސްޓްހެމް ޔުނައިޓަޑްގެ މައްޗަށް ސިޓީން ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. ހޮނިހިރު ދުވަހު ކްރިސްޓަލް ޕެލަސް އަތުން 1-1 ން އެއްވަރުވެ ތާވަލްގެ ތިންވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ޗެލްސީއަށް ގެއްލުނީ މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށެވެ.
ސިޓީ އާއި ވެސްޓްހެމް ބައްދަލުކުރި މެޗުގައި ސިޓީގެ ފުރަތަމަ ގޯލަކީ ވެސްޓްހެމްގެ ޑިފެންޑަރު ލަޑީމިއަރ ކޯފަލް އަތުން ބައިކޮޅަށް ވައިން ލަނޑެކެވެ. ސިޓީން އެމީހުންގެ ދެވަނަ ގޯލް ފުރަތަމަ ހާފު ނިމެންދަނިކޮށް ސަވީނޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކުރީ އާލިން ހާލަންޑް އެވެ. ހާލަންޑް ވަނީ 55 ވަނަ މިނިޓްގައި އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. މިފަހަރުވެސް ލީޑު ފުޅާކުރުމަށް އެހީތެރިވީ ސަވީނޯ އެވެ.
ސިޓީއަށް އެމީހުންގެ ފަހު ގޯލް ކާމިޔާބުކޮށްދިނީ ފިލް ފޯޑެން އެވެ. 58 ވަނަ މިނިޓްގައި ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ ކެވިން ޑީބްރޭނާގެ އެހީތެރިކަމާއެކުއެވެ.
މެޗުގައި ވެސްޓްހެމްގެ ހަމައެކަނި ގޯލް މެޗުގެ 71 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެންމެ ކުރިއަށް ކުޅޭ ޖަރުމަނުގެ 31 އަހަރުގެ ނިކްލަސް ފުލްކުރގް އެވެ.
މެޗުން ފުރިހަމަ ތިން ޕޮއިންޓް ހޯދިނަމަވެސް ސިޓީއަދިވެސް އޮތީ ތާވަލްގެ ހަ ވަނައިގައި 34 ޕޮއިންޓާއެކުއެވެ. އެއީ 20 މެޗުންނެވެ. ސިޓީއަށް ތާވަލްގެ 5 ވަނަ މަޤާމަށް ޖެހިލަން ލިބުނު ފުރުޞަތު ގެއްލުނީ ހޮނިހިރު ދުވަހު ނިއުކާސަލް ޔުނައިޓަޑް އިން ޓޮޓްނަމް ހޮޓްސްޕަރ 2-1 ން ބަލިކުރުމުންނެވެ. ފަސްވަނަ މަޤާމްގައި ނިއުލާސަލް އޮތީ 20 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ.
ޗެލްސީ އަދި ކްރިސްޓަލް ފެލަސް ބައްދަލުކުރި މެޗުގައި ޗެލްސީން ވަނީ ވަރަށް ކުރީކޮޅު ގޯލެއް ކާމިޔާބުކޯށް ލީޑު ނަގާފައެވެ. 14 ވަނަ މިނިޓްގައި ޗެލްސީގެ ހަމައެކަނި ގޯލް ޖޭޑަން ސަންޗޯ ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކޮށްދިނީ ކޯލް ޕާމާއެވެ.
ޗެލްސީން އިތުރު ގޯލެއް ކާމިޔާބުކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވެ އުޅެނިކޮށް ޕެލަސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 82 ވަނަ މިނިޓްގައި ޗެލްސީގެ އުއްމީދުތައް ފުނޑުފުނޑުކޮށްލީ ޖީން ފިލިއްޕޭ މަޓެޓާ އެވެ.
މި ނަތީޖާއާއެކު ޗެލްސީއަށް ތާވަލްގެ ތިންވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ. 20 މެޗުން 36 ޕޮއިންޓާއެކު ޗެލްސީ މިވަގުތު އޮތީ ތާވަލްގެ ހަތަރު ވަނައިގައެވެ. ހަމަ އެ އަދަދަށް މެޗުކުޅެ ޕެލަސްއިން 15 ވަނައިގައި އޮތީ އެންމެ 21 ޕޮއިންޓާއެކުއެވެ.
ހޮނިހިރު ދުވަހު ކުޅުނު އިތުރު މެޗަކަށް ބަލާއިރު ބްރެންޓްފޯޑުން ސައުތަމްޕްޓަން ބަލިކުރީ 5-0 ންނެވެ. މެޗުގައި ބްރެންޓްފޯޑުގެ ފޯވާޑް ބްރަޔަން އެމްބުއެމޯ ދެ ގޯލް ކާމިޔާބު ކުރިއިރު އޭނާ ވަނީ އިތުރު ގޯލެއް ޖެހުމުގައި ވެސް އެހީތެރިވެދީފައެވެ. އެމްބުއެމޯގެ ދެ ގޯލްގެ ތެރެއިން އެއްގޯލަކީ ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. އިތުރު ގޯލްތައް ކާމިޔާބު ކުރީ ކެވިން ސްކޭޑް, ކިއާނެ ލެވިސް-ޕޮޓަރ އަދި ޔޮއޯން ވިއްސާއެވެ.
ބްރެންޓްފޯޑުން 27 ޕޮއިންޓާއެކު ތާވަލްގެ ދިހަ ވަނަ މަޤާމްގައި އޮތްއިރު ސައުތަމްޕްޓަން ތާވަލްގެ ފުލުގައި އޮތީ ގާތްގަނޑަކަށް ހުސްއަތާއެވެ.
ލެސްޓަރ ސިޓީ އަދި އެންސްޓަން ވިލާ ބައްދަލުރި މެޗު އެސްޓަން ވިލާ ކާމިޔާބުކުރީ 2-1 ންނެވެ. ބާންމައުތު އަތުން އެވަރޓަން ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ.
ރިއެކްޝަންސް