10 ކުޅުންތެރިންނާއެކު ކުޅުނު ރެއާލް ފަހު ވަގުތު ސަލާމަތްކޮށްދިނީ ބެލިންގްހަމަ
ޕެނަލްޓީ ނާކާމިޔާބު ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތު ގޯލެއް ކާމިޔާބުކޮށް ޖޫޑް ބެލިންގހަމް ރެއާލް މެޑްރިޑް އަށް ހުވަފެނީ މޮޅެއް ހޯދައި ދީފިއެވެ. މެޗުގެ 70 ވަނަ މިނިޓުން ފެށިގެން އެއްކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ ރެއާލް މޮޅުވީ ވެލެންސިއާ އިން ގޯލެއް ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައެވެ.
މެޗުގައި ވެލެންސިއާގެ ގޯލް ކާމިޔާބުކުރީ 27 ވަނަ މިނިޓްގައި ހޫގޯ ދުރޯ އެވެ. މިއީ ވެލެންސިއާގެ އާ ކޯޗު, ކާލޮސް ކޯބެރަންގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ފުރަތަމަ މެޗެވެ. ވެސްޓް ބްރޮމްވިޗްގެ ކުރީގެ ކޯޗު ވެލެންސިއާ އާ ގުޅުނީ ފާއިތުވި ހަފުތާގެ ތެރޭގައެވެ.
ވެލެންސިއާގެ މެސްޓަލާ ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 ން ވެލެންސިއާ ކުރީގައި އޮވެގެންނެވެ. މެޗުގެ 55 ވަނަ މިނިޓް, އަދި 59 ވަނަ މިނިޓްގައި ނަތިޖާ ހަމަހަމަކޮށް, އަދި ލީޑު ފުޅާކުރަން ލިބުނު ދެ ފުރުޞަތުވެސް ރެއާލް މެޑްރިޑަށް ވަނީ ނާކާމިޔާބު ވެފައެވެ.
55 ވަނަ މިނިޓްގައި ގޯލް އޭރިއާގެ 18 ޔާޑު ބޭރު ކީލިއަން އެމްބާޕޭއަށް ކުރި ފައުލަކާ ގުޅީގެން ލިބުނު ޕެނަލްޓީ ފޮނުވާލީ ޖޫޑ ބެލިންގްހަމަ އެވެ. ނަމަވެސް ގޯލް ދަނޑީގައި ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. އޭގެ ހަތަރު މިނިޓްފަހުން އެމްބާޕޭ ގޯލެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުންވަނީ އޮފްސައިޑް ކަމަށްބަލާ ގޯލް ބަލައިނުގެންފައެވެ.
މެޗުގެ 70 ވަނަ މިނިޓުން ފެށިގެން ކާލޯ އަންޗޮލޮޓީގެ ޓީމު ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ. ވެލެންސިއާގެ ގޯލް ކީފަރަށް ކުރި ފައުލަކާ ގުޅިގެން ރަތްކާޑު ދެއްކީ ވިނީޝިއުސް ޖޭއާރަށެވެ.
ރެއާލް މެޑްރިޑް އަށް 85 ވަނަ މިނިޓްގައި ނަތީޖާ އެއްވަރުކޮށްދިނީ ޖޫޑް ބެލިންގހަމް ނަގައިދިން ޕާހެއްގައި ކެޕްޓަން ލޫކާ މޮޑްރިޗް އެވެ. އަދި މެޗުން ރެއާލް މޮޅުވި ގޯލް މެޗުގެ ފުރިހަމަ ވަގުތު, ހަމަވެ އިތުރު ވަގުތުގެ ފަސްވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީވެސް ބެލިންގްހަމައެވެ.
އެންމެ ފަހު މިނިޓްގައި ވެލެންސިއާއިން ނަތީޖާ އެވަރުކުރި ކަމަށް ހީކުރެވުނު ނަމަވެސް ލުއިސް ރިއޯޖާ ގެ ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ.
މި ނަތީޖާއާއެކު ތާވަލްގެ އެއްވަނައިގައި ރެއާލް އޮތީ އެއްމެޗު މަދުން ކުޅެ ތާވަލްގެ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާއި ދެ ޕޮއިންޓްގެ ފަރަގުންނެވެ.
މިއީ ނޮވެމްބަރު މަހު 2 ގައި ޝެޑިއުލްކޮށް ނަމަވެސް ވެލެންސިއާގައި ބޯކޮށް ވާރޭވެހި 220 މީހަކު މަރުވި ހާދިސާ އާ ގުޅިގެން ފަސްކުރި މެޗެކެވެ.
ރިއެކްޝަންސް