
ކުރިއަށް އޮތް ދެ ދުވަހުވެސް "އީދު ހަވީރު" ކުރިއަށް ގެންދަން ނިންމައިފި
ފިޠުރު ޢީދު ފާހަގަކުރުމަށް މާލޭގައި މިއަދު ބޭއްވި "ޢީދު ހަވީރު" ގެ ހަރަކާތްތައް ކުރިއަށް އޮތް ދެ ދުވަހުވެސް ކުރިއަށް ގެންދަން ސަރުކާރުން ނިންމައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިގޮތަށް ނިންމީ ވަރަށް ގިނަ ޢާއިލާތަކަކުން މިކަމަށް އެދި ޝައުޤުވެރިކަން ފާޅުކުރަމުންދާތީކަމަށާއި، އަދި ކުރިއަށް އޮތް ދެ ދުވަހުވެސް މިހަރަކާތްތައް ކުރިއަށް ދާނީ ހަވީރު 4.00 ން 6.00 އަށް ކަމަށެވެ.
މި ހަރަކާތް ކުރިއަށްދަނީ ޖުމްހޫރީ މައިދާން، އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދު އަދި ސަލްޓަން ޕާކުގައެވެ. މިއީ ފަހުގެ ތާރީޚުގައި މާލޭގައި ފިޠުރު ޢީދެއްގައި ޢާއިލާތަކާއެކު މިފަދަ ގޮތަކަށް އެއްތަނަކަށް ޖަމާވެ، އުފާފާޅުކޮށްލަން ލިބުނު އެންމެ އުފާވެރި ފުރުސަތު ކަމުގައި ގިނަބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
ޤައުމީ ދިފާޢީ ބާރުން އިސްނަގައިގެން ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެކި އުމުރުފުރާގެ މީހުންނަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތަކާއި ކުޅިވަރުތައް ހިމަނާފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ކުރީގެ ސަޤާފަތާއި ކުރީ ޒަމާނުގެ ކުޅިވަރުތައް ދައްކާލުމުގެ އިތުރުން ކުޑަކުދިންނާ ގުޅޭ ޒަމާނީ ކެރެކްޓަރުތައްވެސް ހިމެނެއެވެ.
މިއަދު އޮތް ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފުގެ ދެކަނބަލުންވެސް ވަނީ އެސަރަހައްދަށް ވަޑައިގެން ވަރަށް ގިނަވަގުތު ހޭދަކުރެއްވާފައެވެ.
ރިއެކްޝަންސް






