ގައިދީންގެ ގުނަވަން ހަދިޔާކުރާ ގޮތަށް އޮތުމުން، ޓްރާންސްޕްލާންޓް ބިލު ރައީސް އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފި

ގައިދީންގެ ގުނަވަން ހަދިޔާކުރާ ގޮތަށް އޮތުމުން، ޓްރާންސްޕްލާންޓް ބިލު ރައީސް އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފި

10 hours ago - 12:44

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލައްވައިފިއެވެ.


މި ބިލަކީ މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރުމަށް ފޮނުވި ބިލެކެވެ. ނަމަވެސް، މޭ 31 ވަނަ ދުވަހު ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ރައީސް ވަނީ މި ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައެވެ.


ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވި ސިޓީގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ، ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންނަށް ގުނަވަން ހަދިޔާކުރުމުގެ ފުރުސަތު ބިލުން ފަހިކޮށްދީފައިވާތީއެވެ. ރައީސް ވިދާޅުވީ، ބަންދެއްގައި ތިބޭ މީހުންނަކީ އެމީހުންގެ އަމިއްލަ އިހުތިޔާރާއި މިނިވަންކަން ހަނިވެފައިވާ ބަޔަކަށް ވާތީ، އެފަދަ ބޮޑު ކަމެއްގައި އެއްވެސް މަޖުބޫރުކަމެއް ނެތި ފުރިހަމަ ރުހުން ދެވިދާނެ ބައެއް ކަމަށް ބެލުމަކީ ދަތި ކަމެއް ކަމަށެވެ.


"ބަންދެއްގައި ތިބޭ މީހުންނަކީ އެމީހުންގެ އަމިއްލަ އިހުތިޔާރާއި މިނިވަންކަން ގައިދުވެ، ހާއްސަ ހާލަތެއްގައި ތިބޭ ބަޔެއް ކަމުގައިވާއިރު، އެމީހުންނަކީ ފުރިހަމަ ރުހުމާއެކު އަދި އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއް ނެތި ގުނަވަނެއް ހަދިޔާ ކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ބައެއް ކަމުގައި ބެލެވިދާނެ ކަމަކަށް ނުފެނެ އެވެ،" ރައީސްގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.


މީގެ އިތުރުން، ބިލުގައި ކުށެއްގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަން ހުރިގޮތުން އަދަބު ތަންފީޒު ކުރުމުގައި އިހްތިމާލުތަކެއް ދިމާވެދާނެކަމާއި، ބިލު ގާނޫނަކަށް ވުމުގެ ކުރިން ބައެއް ގަވައިދުތައް ހަދައި ތަންފީޒުކުރުން ލާޒިމުވާގޮތަށް އޮތްއޮތުން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި ބިލު އަލުން ދިރާސާ ކުރުމަށްޓަކައި މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ކޮމިޓީއަށް ފޮނުވުމަށް ނިންމާފައެވެ. ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލަކީ މިފަދަ ނާޒުކު ހިދުމަތެއް ދިނުމުގައި އަމަލުކުރާނެ ގާނޫނީ ހަމަތައް ސާފުކުރުމަށްޓަކައި އެކުލަވާލާފައިވާ ބިލެކެވެ.

ބިލުގައިވާ ގޮތުން، ގުނަވަން ހަދިޔާ ކުރެވޭނީ އުމުރުން 18 އަހަރުވެފައިވާ، ބުއްދި ސަލާމަތުން ހުރި އަދި އަމިއްލަ އިހްތިޔާރުގައި އެކަމަށް ރުހޭ ދިވެހީންނަށް އެކަންޏެވެ. އަދި ހުއްދަ ދެވޭނީ ހަމައެކަނި ދިރިހުރި މީހެއްގެ ގުނަވަން ބަދަލުކުރުމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow