ވަޒީފާއާބެހޭ ޤާނޫނަށް ގެނައި އިޞްލާޙުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ވަޒީފާއާބެހޭ ޤާނޫނަށް ގެނައި އިޞްލާޙުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

2 hours ago - 10:26

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.


މި ބިލަކީ 2026 މާރިޗު 8 ވީ އާދިއްތަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.


މި އިޞްލާޙު ގެނައުމުގެ މައިގަނޑު ބޭނުމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުންތައް ބާޠިލުކުރުމުގެ އުސޫލުތައް ހަރުދަނާކުރުމެވެ. އަދި ބިދޭސީ މުވައްޒަފުން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ މުރާޖަޢާކޮށް، ބައެއް ފަރާތްތައް އެ ފީން އިސްތިސްނާކުރެވޭނެ އުސޫލުތައް ކަނޑައެޅުމުގެ އިތުރުން، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށް ދެފަރާތުގެ ޙައްޤުތައް ކަށަވަރުކުރުމެވެ.


ގެނެވުނު މުހިންމު އިޞްލާޙުތަކުގެ ތެރޭގައި:

  • ދަރިފުޅު ބެލުމަށް ވަގުތު ދިނުން: ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ނިންމައި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅަށް 2 އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ވަގުތު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
  • ކޯޓާ ފީން އިސްތިސްނާވުން: އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ވަކި ވިޔަފާރިތަކެއް ކޯޓާ ފީ ދެއްކުމުން އިސްތިސްނާކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށް ބިލުގައިވެއެވެ.
  • މަސައްކަތްތެރިންގެ ދުވަސް: ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ޤާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާ ގުޅިގެން، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow