މަސީޙްގެ ތަޞައްވުރު: ފުވައްމުލައް ސިޓީ ތޫނޑު ސަރަހައްދު "ހެޕެނިންގް" ތަނަކަށް ހަދާނަން!
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަލީ މަސީޙު، އެ ސިޓީގެ ތަރައްޤީއަށްޓަކައި ކުރައްވާ ތަޞައްވުރު ހާމަކުރައްވައިފިއެވެ.
މިގޮތުން، ފުވައްމުލަކުގެ ތޫނޑު ސަރަހައްދާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަސީޙު ވިދާޅުވީ، އެ ސަރަހައްދަކީ ކޮންމެ ހަފުތާ ބަންދަކުވެސް ގިނަ އަދަދެއްގެ ފުވައްމުލަކު ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރައްވާ ފަރާތްތަކުން ޕިކްނިކް އަށް ދިއުމަށް ބޭނުންކުރާ ވަރަށް މަޤުބޫލު ސަރަހައްދެއް ކަމަށެވެ. ނަމަވެސް، އެ ސަރަހައްދުން މިހާރު ލިބެންޖެހޭ އަސާސީ ޚިދުމަތްތައް އެންމެ ފުރިހަމައަށް ލިބެމުން ނުދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މަސީޙު އިތުރަށް ވިދާޅުވީ، އޭނާގެ މޭޔަރުކަމުގައި ތޫނޑު ސަރަހައްދު އިތުރަށް ތަރައްޤީކޮށް، އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޭނުންވާ ފާޚާނާއާއި، ފެނާއި، ނަމާދުކުރެވޭނެ އިންތިޒާމާއި އަދި އެހެނިހެން ޒަރޫރީ ވަޞީލަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. މީގެ އިތުރުން، ފުވައްމުލަކުގެ ޤުދުރަތީ ރީތިކަން ހިމާޔަތްކުރަމުން، ފަތުރުވެރިކަމާއި އިޤްތިޞާދީ ގޮތުން ސިޓީއަށް ކުރިއެރުން ލިބޭނެ ގޮތްތަކަށް މަސައްކަތް ބައްޓަން ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
https://web.facebook.com/reel/4413380108983213
އެގޮތުން މަސީޙުގެ ތަސައްވުރުގެ ދަށުން، އޭނާ ހިމެނޭ ކައުންސިލެއް އިންތިޚާބުވެއްޖެނަމަ، ތޫނޑު ސަރަހައްދު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫއެއް ފަށްޓަވާނެކަމުގެ ޔަގީންކަން އޭނާ ދިނެވެ. އޭގޮތުން ތަރައްގީކުރެވޭނެ ކަންކަމުގެ ތެރޭގައި:
- ވޯޓަރ ސްޕޯޓްސްގެ ޚިދުމަތް: ހަފުތާ ބަންދުތަކުގައި ސަރފިންގް ހިމެނޭހެން ތަފާތު ވޯޓަރ ސްޕޯޓްސްގެ ޚިދުމަތްތައް ތަޢާރަފްކޮށް، ޒުވާނުންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ.
- ވިޒިޓާސް ސެންޓަރު ތަރައްޤީކުރުން: ފުވައްމުލައް ސިޓީގެ ރައްޔިތުންނާއި އަދި ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަ ވިޒިޓަރސް ސެންޓަރެއް ގާއިމްކޮށް، އެތަނުގައި ފާޚާނާ ބަރިއާއި، ޗޭންޖިންގ ރޫމް އަދި ނަމާދުކުރާނެ ތަނެއް ހިމެނޭހެން ޒަމާނީ ފެސިލިޓީއެއް ބިނާކުރުން ހިމެނެއެވެ.
- ވީކެންޑް މާރކެޓް ތަރައްޤީކުރުން: ކޮންމެ ހަފުތާ ބަންދަކު ތޫނޑު ސަރަހައްދުގައި ހާއްސަ ވިޔަފާރިވެރިންގެ މާރކެޓެއް ބޭއްވުން ހިމެނެއެވެ. މިއީ ރަށުގެ ރައްޔިތުންނަށް ވިޔަފާރީގެ ފުރުސަތުތައް ހުޅުވި، ތަފާތު ތަކެތި އެއްތަނަކުން ލިބޭނެ "ހެޕެނިންގް" މާހައުލަކަށް ހެދުމަށް ކުރުމަށް ރޭވިފައިވާ ކަމެކެވެ.
މަސީޙު އިތުރަށް ވިދާޅުވީ، އޭނާގެ އަމާޒަކީ ފުވައްމުލައް ސިޓީއަކީ، ހަމައެކަނި ރީތި ރަށެއްގެ ބަދަލުގައި، އާންމު ރައްޔިތުންގެ އިތުރުން ފަތުރުވެރިން ޒިޔާރަތްކުރާ ފަދަ ހިތްގައިމު، އުފާވެރި އަދި ތަފާތު ހަރަކާތްތަކުން ފުރިގެންވާ ދިރިލާފައިވާ ސިޓީއަކަށް ހެދުން ކަމަށެވެ.
މި ހުރިހާ މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ތަޞައްވުރާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދާނެ މަޝްރޫޢުތަކެއް ކަމަށް މަސީޙު ވިދާޅުވިއެވެ. އަދި މި ތަރައްޤީގެ ތަޞައްވުރުގައި ހަޤީޤީ ކުލަޖައްސައިދިނުމަށްޓަކައި، މަސީޙުގެ އިތުރުން ޕީއެންސީގެ ފަރާތުން ފުވައްމުލައް ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އޭނާ ވަނީ މި ފުރުސަތުގައި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ރިއެކްޝަންސް



