ބެލްގްރޭޑް އެކްސްޕޯ 2027 ގައި ރާއްޖެއިން ބައިވެރިވަނީ
ސަރބިއާގެ ބެލްގްރޭޑުގައި 2027 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ މައުރަޒު، "ބެލްގްރޭޑް އެކްސްޕޯ 2027" ގައި ބައިވެރިވުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ރަސްމީކޮށް އެއްބަސްވެއްޖެއެވެ.
ބެލްގްރޭޑުގައި ދާދިފަހުން ބޭއްވި ދެވަނަ އަހަރުގެ ޕްލޭނިންގ ބައްދަލުވުމުގެ ތެރެއިން، މި އެކްސްޕޯގައި ބައިވެރިވުމުގެ އެއްބަސްވުމުގައި ވީއެމްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު އިބްރާހިމް ޝިއުރީއެވެ.
"ޕްލޭ ފޯ ހިއުމަނިޓީ ސްޕޯޓް އެންޑް މިއުޒިކް ފޯ އޯލް" މި ޝިއާރުގެ ދަށުން ބާއްވާ މި އެކްސްޕޯ ކުރިއަށްދާނީ 2027 ވަނަ އަހަރުގެ މެއި މަހުގެ 15 އިން އޮގަސްޓް މަހުގެ 15 ގެ ނިޔަލަށެވެ. މި ބޮޑު ހަރަކާތުގައި ދުނިޔޭގެ 120 އަށްވުރެ ގިނަ ގައުމުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، ހަތަރު މިލިއަނަށްވުރެ ގިނަ މީހުން މި އެކްސްޕޯއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، އެކްސްޕޯގެ އިބްތިދާއީ ޕްލޭނިންގ މަރުހަލާ ނިމި، އަމަލީ ތައްޔާރީތަކުގެ ދެވަނަ މަރުހަލާ މިހާރު ފަށާފައިވާ ކަމަށް ވީއެމްސީން މައުލޫމާތު ދެއެވެ. އެގޮތުން، މީގެ ކުރިން ބޭއްވުނު ބައިނަލްއަގުވާމީ މަޝްވަރާތަކަށް ބިނާކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިއެރުމާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން ރާއްޖޭގެ ސަގާފަތާއި އަމިއްލަވަންތަކަން ދުނިޔެއަށް ދައްކާލުމަށް ބޭނުންވާ ތައްޔާރީތައް ވަނީ ފަށާފައެވެ.
ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރާ ގޮތުގައި، މި އެކްސްޕޯއަކީ ބޯލްކަން ސަރަހައްދާއި ވިލާތުގެ މާކެޓުތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ. އަދި މިއީ ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ކަނޑުފަޅުތައް ހިމާޔަތްކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ބައިނަލްއަގުވާމީ މައިދާނުގައި ދައްކާލުމަށް ލިބޭ ރަނގަޅު މަގަކަށް ވެގެންދާނެއެވެ.
ރިއެކްޝަންސް





