ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭގެ ބައެއް ހުޅުވާލަން ތައްޔާރުވަނީ
ހަނިމާދޫ ބައިނަލއަގުވާމީ އެއާޕޯޓުގައި އަލަށް ހަދަމުން އަންނަ ރަންވޭގެ އެއްބައި ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރީޖަނަލް އެއާޕޯޓްސްއިން ހާމަކޮށްފި
ހަނިމާދޫ ބައިނަލއަގުވާމީ އެއާޕޯޓުގައި އަލަށް ހަދަމުން އަންނަ ރަންވޭގެ އެއްބައި ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރީޖަނަލް އެއާޕޯޓްސްއިން ހާމަކޮށްފިއެވެ.
ރީޖަނަލް އެއާޕޯޓްސް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ހަނިމާދޫ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ދަށުން އަލަށް ހަދަމުން އަންނަ ރަންވޭގެ ބައެއް ހުޅުވާލައި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަން ފަށަން ނިންމާފައިވަނީ މިހާރު ބޭނުންކުރަމުން އަންނަ ރަންވޭ ބަންދުކުރުމަށްޓަކައި ކަމަށެވެ.
މިހާރުވެސް އެތެރޭގެ އުދުހުންތަކަށް ބައެއް ގަޑިތަކުގައި ހުޅުވާލައިގެން މަސައްކަތް ކުރިއަށް ގެންދާ ހަނިމާދޫގެ އާ ރަންވޭގެ 1200 މީޓަރުގެ ބައެއް ވަގުތީ ގޮތުން ހުޅުވާލަން ނިންމާފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ވިދާޅުވިއެވެ.
އުތުރުގެ ތަރައްގީގެ މައި ހަބުގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފަށާފައިވާ ހަނިމާދޫ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢަކީ އަހަރަކު 1.3 މިލިއަން ފެސެންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރަމުން އަންނަ އެއާޕޯޓެކެވެ.
މި ވައިގެ ބަނދަރު ނިމޭއިރު 2400 މީޓަރުގެ ދިގު ރަންވޭއަކާއެކު ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ ބޮޑެތި ބޯޓުފަހަރު ކަމަށްވާ އެއާބަސް A320 އާއި ބޮއިންގ 737 ފަދަ ބޯޓުތައް ޖެއްސޭނެއެވެ.
2024 ގެ ނިޔަލަށް ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫގައި ފެސެންޖަރ ޓާމިނަލްގެ އިތުރުން ކާގޯ ޓާމިނަލް އަދި ފިއުލް ފާމް އާއި ފަޔރ ފައިޓިންގގެ އެންމެ ޒަމާނީ ވަޞީލަތްތައް ހިމެނޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކަ ކުރައްވާފައެވެ.
މިއީ 136 މިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ މަޝްރޫއެކެވެ.
ރިއެކްޝަންސް