ކަނޑުމަގުން އެތެރެކުރަން އުޅުނު 1،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް މާލޭ ހާބަރުން އަތުލައިގަނެފި
މާލޭ ކޮމާޝަލް ހާބަރުން ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1,000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖްތަކަކާއި ވޭޕް ކުރަން ބޭނުންކުރާ ޑިވައިސްތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ހިލާފު ތަކެތި ހުރިކަމަށް ތުހުމަތުކުރެވިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 1,108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް އަތުލައިގަނެފައިވާ ކަމަށް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.
މި ތަކެތި ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ވަރަށް ބޮޑަށް ފޮރުވައިގެންނެވެ. އެގޮތުން މި ތަކެތި ފެނިފައިވަނީ ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓްތަކުގެ ތެރޭގައި ފޮރުވާފައި ހުއްޓައެވެ. ކަސްޓަމްސް އިން ލަފާކުރާ ގޮތުގައި އަތުލައިގަތް ވޭޕް ކާޓްރިޖްތަކުގެ އަގު 380,000 ރުފިޔާއަށް ވުރެ މަތިވާނެއެވެ. އަދި ވޭޕް ޑިވައިސްތަކުގެ އަގު 20,000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
މި މައްސަލަ ކަސްޓަމްސް އިން މިހާރު އިތުރަށް ތަހުގީގު ކުރަމުންދާއިރު، މީގެ ކުރިންވެސް މިފަދަ ބޮޑެތި ޝިޕްމަންޓުތައް އަތުލައިގެންފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ރާއްޖެ އެތެރެކުރަން އުޅުނު 10,800 ވޭޕް ކާޓްރިޖް ކަސްޓަމްސް އިން އަތުލައިގަނެފައިވެއެވެ. އެ ފަހަރު އަތުލައިގަތް ތަކެތީގެ މަގުމަތީ އަގު 3.7 މިލިއަން ރުފިޔާއަށް އަރައެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ވޭޕް އެތެރެކުރުމާއި، ބޭނުންކުރުމާއި ވިޔަފާރިކުރުމަކީ މަނާކަމެކެވެ. އަދި މި ގާނޫނާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކާއި ހަރުކަށި އަދަބުތައް ދިނުމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ރިއެކްޝަންސް





