ޕީސީބީގެ ރައީސްކަމަށް މުޙައްމަދު ނިޒާރު ޢައްޔަންކުރައްވައި، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވާފައިވާ މުޙައްމަދު ނިޒާރަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މި މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ. ނިޒާރު މި މަޤާމަށް ޢައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު އަނަސް އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.
މުޙައްމަދު ނިޒާރަކީ ބައިނަލްއަޤުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ ކުރިން 2014 އިން 2019 އަށްވެސް އޭނާ ވަނީ ޕީސީބީގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައެވެ. އެ މުއްދަތުގައި ދައުލަތުގެ ކުންފުނިތައް ހަރުދަނާކުރުމުގައްޔާއި ޕްރައިވަޓައިޒޭޝަން އެޖެންޑާ ކުރިއެރުވުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.
ނިޒާރުގެ ވަނީ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލުކުރައްވާފައިވެއެވެ. އަދި އެސްޓީއޯގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، ޖެނެރަލް މެނޭޖަރުކަމާއި އެހެނިހެން އިސް މަޤާމުތައް ފުރުއްވާފައިވެއެވެ. މީގެއިތުރުން މޯލްޑިވްސް ގޭސް އަދި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކުރައްވާފައިވެއެވެ.
ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒް ކުރުމާއި، އެ ކުންފުނިތަކުގެ ހިންގުން މޮނިޓަރކޮށް ބެލެހެއްޓުމުގެ ފަންނީ މާހިރެއްގެ ގޮތުގައި ފާހަގަކުރެވޭ ނިޒާރަކީ، ކޯޕަރޭޓް ގަވަރނަންސްއާ ގުޅޭ ޤައުމީ ފެންވަރުގެ އެކި ކޮމިޓީތަކުގައިވެސް ޢަމަލީގޮތުން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ޤާނޫނުގައިވާ ގޮތުގެ މަތިން ޕީސީބީގެ ރައީސްކަމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްފަހު، މަޖިލީހުގެ ރުހުން ހޯދަންޖެހެއެވެ. އެހެންކަމުން، ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމުން ނިޒާރަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމާނެއެވެ.
ރިއެކްޝަންސް

