ރައީސް ގެންނަވާ ޤާނޫނީ އިޞްލާޙުތަކަކީ ޤައުމުގެ އުޖާލާ ކުރިމަގަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް: މެންބަރު އިއްބެ
ދިވެހިރާއްޖޭގެ ދުރު ރާސްތާގެ އިޤްތިޞާދީ ހަމަޖެހުމާއި ޤައުމީ މަޞްލަޙަތު ރައްކާތެރިކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނަވަމުންދާ ޤާނޫނީ އިޞްލާޙުތަކަކީ ޤައުމުގެ އުޖާލާ ކުރިމަގު ބައްޓަންކުރުމަށްޓަކައި އެޅިގެންދާ ނުހަނު މުހިންމު ފިޔަވަޅުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.
މެންބަރު އިއްބެ މިހެން ވިދާޅުވީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. މެންބަރު އިއްބެ ފާހަގަކުރެއްވި ގޮތުގައި، ޤައުމީ މަޞްލަޙަތު އިސްކުރައްވައި ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދައްކަވަމުން ގެންދަވަނީ ހިތްވަރުގަދަ ލީޑަރޝިޕްގެ ނަމުނާއެއް ކަމަށެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ތަޢުރީފާއި ޝުކުރު ޙައްޤުވާ ކަމަށާއި، މި އިޞްލާޙުތަކަކީ ޤައުމުގެ ކުރިމަގަށް އެޅޭ ވަރަށް ޒަމާނީ އަދި މުހިންމު ފިޔަވަޅުތަކެއް ކަމުގައި މެންބަރު އިއްބެ ވިދާޅުވިއެވެ.
https://x.com/dreamsibbe/status/2094761281211490713
ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، މުޖުތަމަޢުގެ ހަމަހަމަކަން ޤާއިމުކުރުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދިފަހުން މުހިންމު ބިލްތަކެއް ތަޞްދީޤުކުރައްވާފައެވެ. އެގޮތުން، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ކަށަވަރުކުރުމާއި، ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތްތައް ހަރުދަނާކުރުމަށް ޤާނޫނަށް ގެނައި އިޞްލާޙުތައް ހިމެނެއެވެ. މިއީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ބާރެކެވެ.
މީގެ އިތުރުން، ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އިދާރީ ބާރުތަކާއި، އޮޑިޓްތަކާއި ތަޙްޤީޤު ހިންގުމުގެ އުޞޫލުތައް އިތުރަށް ވަނީ ހަރުދަނާކޮށްފައެވެ. އަދި ދައުލަތަށް ލިބެންޖެހޭ ޓެކްސް ފައިސާ ހޯދުމުގައި މީރާއަށް ލިބިދޭ ބާރުތައް މުރާޖަޢާކޮށް ހަރުދަނާކުރެވިފައިވެއެވެ.
ހަމައެއާއެކު، ބޭރު ފައިސާގެ މުޢާމަލާތްތައް ހަރުދަނާކުރުމުގެ ގޮތުން، ރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާ ރޭޓަށްވުރެ މަތިނުވާނޭހެން ކަމަށް ކަނޑައަޅައި، އެކަމާ ގުޅޭ ބިލުވެސް ރައީސް ވަނީ ތަޞްދީޤުކުރައްވާފައެވެ. އަދި ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރުން މަޖުބޫރުކުރުމާއެކު، ކަޅު ބާޒާރުގައި ޑޮލަރުގެ މުޢާމަލާތްކުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ ތަޢާރަފުކޮށްފައެވެ.
މީގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް ގެނައި އިޞްލާޙުގެ ބިލުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޞްދީޤުކުރައްވާފައެވެ. މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް ޙަރަކާތްތެރިވާ ފަރާތްތަކާއި އުޅަނދުފަހަރަށް އިދާރީ ފިޔަވަޅު އެޅުމުގެ އުޞޫލުތައް ހަރުދަނާކުރުމެވެ. އަދި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގައި ހުއްދަކުރެވޭ މަސްވެރިކަމާއި އެކުއަކަލްޗަރ ކުރުމުގެ އުޞޫލުތައް ކަނޑައެޅުމުގެ އިތުރުން، މަސްވެރިކަމުގެ ބަނދަރުތައް ތަރައްޤީކޮށް ހިންގުމާ ބެހޭ އުޞޫލުތައް ބަޔާންކުރުން މި އިޞްލާޙުގައި ހިމެނެއެވެ.
ރިއެކްޝަންސް

