ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ
ޤާނޫނާ ޚިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގަމުންދާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ ކިބައިން އެދިއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ސައްހަ ލައިސަންސެއް ނެތި، ޤާނޫނާ ޚިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތަކާ ބެހޭ މައުލޫމާތު، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ޚާއްސަކޮށް އެކުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ.
މިފަދަ ޣައިރު ޤާނޫނީ އަމަލުތައް ހިންގާ ފަރާތްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެކަމަށް ޚާއްސަކޮށްފައިވާ ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. މި ނަންބަރަށް އާދައިގެ އެސްއެމްއެސްގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް މައުލޫމާތު ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
ފުލުހުން ވަނީ މި ނަންބަރަށް ގުޅައި ނުވަތަ މެސެޖުކޮށްގެން މައުލޫމާތު ހިއްސާކުރާ އެންމެހައި ފަރާތްތަކުގެ ވަނަވަރާއި ފޯރުކޮށްދޭ މައުލޫމާތުގެ ސިއްރު ހިފަހައްޓައި، ފުރިހަމައަށް ރައްކާތެރިކަން ދޭނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ. އަދި މިގޮތަށް މައުލޫމާތު ދޭ ފަރާތްތަކުން، މައްސަލައިގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ނުވަތަ މަރުހަލާއެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެ އެވެ.
މީގެ އިތުރުން، ޤައުމުގެ އިގްތިސާދީ ރައްކާތެރިކަމާއި ކުށް މަދުކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުންގެ ޚިދުމަތުން ވަނީ އާންމު ރައްޔިތުންނަށް ޝުކުރު އަދާކޮށްފަ އެވެ.a
ރިއެކްޝަންސް





