
އެއްވެސް ނޫސްވެރިއަކު ހައްޔަރެއް ނުކުރަން, ގްރީން ޒޯނުން ބޭރުކުރިން- ފުލުހުން
މީޑިޔާ ބިލް އިއްޔެ ރައްޔިތުންގެ މަޖިލިހުން ބަލައިގަތުމުން ނޫސްވެރިން ކުރިއަށް ގެންދިޔަ އިހުތިޖާޖާ ގުޅިގެން އެއްވެސް ނޫސްވެރިއަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އިނގިރޭސި ބަހުން ފުލުހުން ޢާއްމުކުރި ބަޔާނެއްގައި ވިދާޅުވީ އެ އިހުތިޖާޖާ ގުޅިގެން އެއްވެސް ނޫސްވެރިއަކު ހައްޔަރު ނުކުރާ ކަމަށާއި, ނޫސްވެރިއަކު ހައްޔަރެއް ނުކުރަން, ގްރީން ޒޯނުން ނޫސްވެރިން ބޭރުކުރި ކަމަށެވެ. ބިލް ބަލައިގަތުމުން ނޫސްވެރިން އެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމައްޗަށެވެ. އަދި ފަހުން ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅު ކުރިމައްޗަށެވެ. އެއީ އެއްވުން މަނާ ގްރީން ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެވެ.
ފުލުހުން ވިދާޅުވީ އެސަރަހައްދަށް އެއް ނުވެވޭނެ ކަމާއި, ސަރަހައްދު ދޫކޮށްދާން އެންގި ކަމަށެވެ.
އެސަރަހައްދުން ނޫސްވެރިން ދުރަށް ގެންދިއުމަށް ފުލުހުންގެ ވެހިކަލަށް ބައެއް ނޫސްވެރިން އެރުވިއެވެ. ނަމަވެސް އެހެން ސަރަހައްދަކަށް ނޫސްވެރިން ދޫކޮށްލިއެވެ. ފުލުހުން ވިދާޅުވީ ޤާނޫނީ އިމުގެ ތެރެއިން ބާއްވާ އެއްވުންތަކާއި, އިހުތިޖާޖު ތަކަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށެވެ. އެއްވުންތައް ކުރިއަށް ގެންދާއިރު ސުލުހަވެރިކަމާއި, ހަމަޖެހުމާއި ސަލާމަތަށް އިސްކަންދީ އެކަން ފުލުހުން ކަށަވަރުކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ރިއެކްޝަންސް






