ޠާރިޤް ސަފީރުކަމުގެ ފަތްކޮޅު ޔޫއޭއީ ސަރުކާރަށް އަރުވައިފި
އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި އައު ސަފީރު، ޠާރިޤް އިބްރާހީމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޔޫއޭއީގެ ސަރުކާރަށް އަރުވައިފިއެވެ.
ސަފީރު ޠާރިޤް ފަތްކޮޅު އަރުވާފައިވަނީ ޔޫއޭއީގެ ފޮރިން މިނިސްޓަރު އުމަރު އުބައިދު އަލްޝަމްސީއަށެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު އަލްޝަމްސީ ވަނީ އައު ސަފީރަށް މަރުހަބާ ވިދާޅުވެ، ދެ ގައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި އެކި ދާއިރާތަކުން ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ޔޫއޭއީން އަބަދުވެސް ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.
ފަތްކޮޅު އެރުވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ސަފީރު ޠާރިޤް އިބްރާހީމް ވަނީ ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ލީޑަރޝިޕްގައި އެ ގައުމުން ހޯދާފައިވާ ބައިނަލްއަގުވާމީ ކުރިއެރުންތަކަށް ތައުރީފުކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން، ޚާއްޞަކޮށް ތިމާވެށި، ފަތުރުވެރިކަން އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ސަފީރު ކަމުގެ މަގާމަށް ޠާރިޤް އިބްރާހީމް އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އޭނާ ސަފީރު ކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. ޠާރިޤް އިބްރާހީމަކީ މީގެ ކުރިން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރުކަންވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ޔޫއޭއީގެ ސަފީރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު ޙުސައިން ޝަރީފް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ރިއެކްޝަންސް





