ހުރިހާ ފޯމެއް އަލުން އިވެލުއޭޓްކުރުމުގެ ބަދަލުގައި 4000 ފޯރމްގެ ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދަން ނިންމައިފި
ރޯދައިގެ ކުރިން ލިސްޓް ގެޒެޓްކޮސް ޝަކުވާއަށް ފުރުޞަތު ދެވޭނެ
ހުރިހާ ފޯމެއް އަލުން އިވެލުއޭޓްކުރުމުގެ ބަދަލުގައި 4000 މީހުންގެ ފޯރމްގެ ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އަލަށް ގެދޮރުވެރިކަމުގެ ޒިންމާއާ ހަވާލުވެވަޑައިގެންނެވި ވަޒީރު ޑރ.އަބްދުالله މުއްޠަލިބު ވިދާޅުވީ ފްލެޓަށް 20,000 އަށްވުރެ ގިން މީހުން އެދުނު ނަމަވެސް ކުރިއަށް ގެންދާނީ ފްލެޓް ލިބުނު ކަމަށް މިދިޔަ ސަރުކާރުން ގެޒެޓްކުރި 4000 މީހުންގެ ފޯރމް ވެރިފައި ކުރުމުގެ މަރުހަލާއެއް ކަމަށެވެ. އަދި ވެރިފައި ކުރުމުގައި ބަލާނީ މިދިޔަ ސަރުކާރުން ގެޒެޓްކުރި އުސޫލަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަލުން ވެރިފައި ކުރުމަށްފަހު ފްލެޓް ލިބޭނެ ކަމަށް ގެޒެޓްކުރި 4000 މީހުންގެ ތެރެއިން މީހަކަށް ފްލެޓް ނުލިބޭކަން ވީހާވެސް އަވަހަށް އިނގުން މުހިއްމު ކަމަށާއި, ކުރައްވާނީ އެމަސައްކަތް ކަމަށް ވިދާޅުވިއެވެ. އަދި މައްސަލައެއް ނެތް ފަރާތްތަކަށް ފްލެޓް ވީހާވެސް އަވަހަށް ލިބޭނެ ގޮތް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ދެއްވި ޔަގީން ކަމަކީ މިހާރު ގެޒެޓްކޮށްފައި އޮތް ލިސްޓްގައި އޮތް 4000 މީހުންގެ ތެރެއިން މީހަކަށް ފްލެޓް ނުލިބޭނަމަ ނުލިބެނީ ކީއްވެގެންކަން އިނގޭނެ ކަމަށެވެ. އަދި ސަރުކާރުގެ އުއްމީދަކީ އެ 4000 މީހުންނަށްވެސް ފްލެޓް ލިބުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
" މަގްސަދަކީ ލިސްޓްގައި ހިމެނޭ ވީހާވެސް ގިނަ ފަރާތްތަކަށް ފްލެޓް ލިބުން." ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެންމެ ބޮޑު ޝަކުވާތަކެއް ހުރީ މާލޭގައި މެދުނުކެނޑި 15 އަހަރު އުޅުންކަން ސާބިތުކޮށްދޭން ހުށަހަޅާފައިވާ ލިޔުންތަކާއި, އެކަމުގައި އަމަލުކޮށްފައިވާ ގޮތާމެދު ހުރި ޝަކުވާތައް ކަމަށެވެ. ވެރިފިކޭޝަން ޕްރޮސެސްގައި 15 އަހަރު މާލޭގައި އުޅުނުކަން ސާބިތުކުރުމަށް ހަ ބާވަތެއްގެ ލިޔުމަށް ބަލާނެ ކަމަށް ވިދާޅުވިއެވެ. އެއީ ޕޯރޓަލްގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަމަށް ވިދާޅުވިއެވެ. ޕޯޓަލްގައި ފާހަގަކޮށްފައިވާ ލިޔުންތައް ފިޔަވާ އެހެން ލިޔުންތަކަކީ ބަލައިނުގަނެވޭނެ ލިޔުންތައް ނޫންކަމަށް ކަމަށް އޮޑިޓަރ ޖެނެރަލްވެސް ފާހަގަކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން މާލޭގައި ދިރިއުޅުނު މުއްދަތު އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް މެދުކެނޑުނު ކަމަށް ބުނާ ހާލަތުން އިސްތިސްނާ ކަންކަން ހުރިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ތައުލީމް ހާސިލް ކުރުމަށް މާލެއިން ބޭރުގައި ހޭދަކުރުމާއި, މާލޭގައި އާއިލާ ދިރިއުޅޭ ނުވަތަ މާލޭގައި ދިރިއުޅޭ މީހަކު ވަޒީފާއަށް ރިސޯރޓްގައި ހޭދަކުރާ މުއްދަތު އިސްތިސްނާކުރުން ހިމެނެއެވެ.
ވެރިފިކޭޝަން ޕްރޮސެސްއަށްފަހު ރޯދަމަހުގެ ކުރިން ލިސްޓް ގެޒެޓްކޮށް ޝަކުވާއަށް ހުޅުވާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މަގްސަދަކީ ލިސްޓްގައި ހިމެނޭ ވީހާވެސް ގިނަ ފަރާތްތަކަށް ފްލެޓް ލިބުން ކަމަށެވެ.
ރިއެކްޝަންސް