އުމްރާއަށް ދިއުމަށް ދިން ލައިސަންސް ދައްކައިގެން ޑޮލަރު ނެގުމަށްފަހު އުމްރާއަށް ނުގެންދާ ކުންފުންޏެއްގެ މައްސަލަ ބަލަނީ
އުމްރާއަށް ދިއުމަށް ދިން ލައިސަންސް ދައްކައިގެން ޑޮލަރު ނެގުމަށްފަހު އުމްރާއަށް ނުގެންދާ ކުންފުންޏެއްގެ މައްސަލަ ބަލަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީ އިން ދީފައިވާ ރަސްމީ ލައިސަންގެ ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭ އިން ޑޮލަރު ނަގައި، އުމްރާއަށް ނުދިޔަ ކުންފުންޏެއް ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި އެކަން އިތުރަށް ބަލައި މިނިސްޓްރީއަށް އެކަން ސާބިތު ވެއްޖެ ނަމަ އެކުންފުނި 30 ހާސް ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މައްސަލަ ތަޙްޤީޤުކުރަން ޕޮލިހަށް ފޮނުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޑޮލަރު ދޫކުރާނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްސް ހުށަހެޅުމުންނެވެ. އެހެންކަމުން އެކުންފުނިން ޑޮލަރު ނަގާފައިވަނީ ފޭކު ޑޮކިއުމެންޓް ހުށަހަޅައިގެން ކަމަށް ތުހުމަތުކުރެވޭ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން އުމްރާއަށް މީހުން ގެންދިއުމުގެ އުޞޫލާ ޚިލާފުވެފައިވާތީ އެ ކަންކަމުގެ ކުޑަބޮޑު މިނަށް ބަލައި، 19 ކުންފުންޏެއް 5 ހާސް ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމަވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރާން ގެޒެޓް ކޮށްފައިވާ އުޞޫލަށް އަމަލު ނުކުރާ ހުރިހައި ކުންފުނިތަކަށް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
އުމްރާއަށް މީހުން ގެންދިއުމުގެ އުޞޫލާ ހިލާފްވި މައްސަލަ ބޮޑުވެފައި ވަނީ އަލް-ހިޖުރަ ޓްރެވަލް އެންޑް ޓުއަރސް އިން އުމްރާއަށް ގެންދިޔަ ބަޔަކު މާލެ ނުގެނެސް ހާލުގައި ޖެއްސި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. އެއުމުރާވެރިން މާލެ ގެނައި އިސްލާމިކް މިނިސްޓްރީންނެވެ. އެކުންފުނީގެ ހުއްދަ ހިފަހައްޓާ ޖޫރިމަނާ ކުރުމުގެ އިތުރުން މައްސަލަ ތަހުޤީގުކުރަން ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
ރިއެކްޝަންސް