އިޒްރާއިލްގެ ހަމަލަތަކާއެކު ސުންނާފަތިކޮށްލާފައިވާ ޣައްޒާގެ ތަރައްޤީ 69 އަހަރު ފަހަތަށް
އިޒްރާއިލް އިން ޣައްޒާގައި ހިންގަމުން ގެންދާ އުދުވާނަށް 15 މަސް ފާއިތުވެ ހިނގައްޖެއެވެ. ހަނގުރާމައިގައި މުޅި ޣައްޒާ ސުންނާފަތިވެފައިވާއިރު ސިއްހީ ޙިދުމަތާއި ތައުލީމުފަދަ ތަރައްޤީގެ އުންސުރުތައް މިވަނީ ގާތްގަނޑަކަށް 70 ވަރަކަށް އަހަރު ފަހަތަށް ޖެހިފައެވެ.
ޣައްޒާގެ ހާލަތު ވަޒަންކޮށް އދ ން ނެރެފައިވާ ރިޕޯޓް ތަކަށް ބަލާއިރު ޣައްޒާ ހިނެމޭހެން ފަލަޞްޠީނުގެ ޖުމްލަ އާބާދީގެ 74 އިންސައްތަ މިހާރު ދިރިއުޅެނީ ފަޤީރުކަމުގެ ހާލަތުގައެވެ. އެއީ ގާތްގަނޑަކަށް 4.1 މިލިއަން މީހުންނެވެ. ހަނގުރާމަ ނިމޭނެ ދުވަހެއް ނޭނގޭއިރު މިއަދަދު އެތައް މިލިއަނަކަށް މަތިވެގެން ހިނގައިދާނެކަމަށް އދ ން އަންދާޒާ ކުރެއެވެ.
އދގެ ތަރައްޤީއާ ބެހޭ ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ރިޕޯޓެއްގައި ވާގޮތުން ފަލަޞްޠީނުގެ އިޤްތިޞާދު ފާއިތުވި އަހަރާ އަޅާބަލާއިރު މިހާރުވަނީ 35 އިންސައްތަ ކުޑަވެފައެވެ. އިޒްރާއިލްގެ ހުއްޓުމެއްނެތް އުދުވާނާއި, ފަލަސްޠީނުގެ މަސައްކަތްތެރިންގެ ބަދަލުގައި އެހެން ޤައުމުތަކުން މަސައްކަތްތެރިން ގެނައުމުގެ ސަބަބުން ފަލަޞްޠީނުގެ ގިނަ ބަޔަކަށް ވަނީ އާމްދަނީ ހޯދޭނެ ހުރިހާ މަގެއް ބަންދުވެއެވެ. އެހެންކަމުން ވަޒީފާނެތް މީހުންގެ އަދަދު އިތުރުވުމާއި އެކު މި އަދަދު 49.9 އިންސައްތައަށް މައްޗަށް ޖެހޭނެކަމަށް އެފަރާތުން އަންދާޒާ ކުރެއެވެ.
ޔޫއެންޑީޕީގެ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް (އެޗްޑީއައި) އިން ދައްކާގޮތުގައި ޣައްޒާގެ ޖުމްލަ ތަރައްޤީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި މިވަނީ 1955 ވަނަ އަހަރާ ހަމައަށް ފަހަތަށް ގޮސްފައެވެ. އެޗްޑީއައި އަކީ އިންސާނީ ތަރައްޤީގެ އުންސުރުތައް ޙާސިލްކުރެވިފައިވާ މިންވަރު ދެނެގަތުމަށް ބޭނުންކުރާ މިންގަނޑެވެ.
މި ރިޕޯޓްގައި އިޒްރާއިލްއިން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެޗްޑީއައި އަށް އައިސްފައިވާ ބަދަލުތައްވެސް ވަނީ ފާހަގަކޮށްފައެވެ. ހުޅަނގު އައްސޭރިއަކީ ޣައްޒާގެ އިތުރުން އިޒްރާއިލްގެ އުދުވާނު މެދުނުކެނޑި ހިންގާ ފަލަޞްޠީނުގެ ސަރަޙައްދެކެވެ. ހުޅަނގު އައްސޭރީގެ ތަރައްޤީ 16 އަހަރު ފަހަތަށް ގޮސްފައިވާކަމަށް ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ. އަދި އިޒްރާއިލްއިން ހުޅަނގު އައްސޭރީގައި ހިންގަމުން ގެންދާ ޢުދުވާނުތައް ހުއްޓާނުލައިފިނަމަ މިއަދަދު ކުރިއަށް އޮތްތާނގައި މަތިވެގެންދާނެކަމަށްވެސް ވަނީ އަންދާޒާ ކޮށްފައެވެ.
ފާއިތުވި 2024 ވަނަ އަހަރު އެކަނިވެސް ފަލަޞްޠީނުގެ 2.61 މިލިއަން މީހުން ފަޤީރުކަމުގެ ހާލަތަށް ވެއްޓިފައިވާއިރު, ފަލަޞްޠީނުގެ ފަޤީރުކަމުގެ އިންސައްތަ ހުރީ 74.3 ގައި ކަމުގައި ރިޕޯޓްގައި ބަޔާންކޮށްފައި ވެއެވެ.
ރިޕޯޓްގައި ވާގޮތުން އިޒްރާއިލްއިން ޣައްޒާގައި ހިންގަމުން ގެންދާ އުދުވާނަށް އެއްއަހަރު ވީއިރު ހަމަލާތަކުގައި ޣައްޒާގެ މީހުން ދިރިއުޅޭ ގެތަކުގެ 87 އިންސައްތަ ވަނީ ހަލާކުވެފައެވެ. އަދި ވިޔަފާރިތައް ހިމެނޭ އިމާރާތްތަކުގެ 80 އިންސައްތަ ވެސް ވަނީ ހަލާކުވެފައެވެ.
އިޤްތިޞާދުގެ ބޮޑުބައެއް ދަނޑުވެރިކަމަށް ބަރޯސާވެފައިވާ ޣައްޒާގެ ދަނޑުބިންތަކުގެ 68 އިންސައްތަ ވަނީ ނެތިގޮސްފައެވެ. ޣައްޒާގެ 36 ހޮސްޕިޓަލްގެ ތެރެއިން 17 ހޮސްޕިޓަލެއްވަނީ ބޭނުންނުކުރެވޭ ވަރުވެފައެވެ. މަގުތަކުގެ 68 އިންސައްތަ ހަލާކުވެފައިވާއިރު 87 އިންސައްތަ ސްކޫލްވަނީ ބިމާ ހަމަވެފައެވެ.
މި ތަފާސް ހިސާބުތަކަކީ ޣައްޒާގެ ހާލަތު ބަޔާންކޮށްދޭ ވަރަށް ތިލަ ރިޕޯޓެކެވެ. ރިޕޯޓް އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވި ޔޫއެންޑީޕީގެ އަކިމް ސްޓެއިނަރ ގަބޫލުކުރައްވާގޮތުގައި ޣައްޒާގެ ހާލަތާ ގުޅޭ ތަފްޞީލީ ރިޕޯޓެއް އެކުލަވާލައިފި ނަމަ މި އަދަދުތައް ބޮޑުތަނުން މަތިވެގެން ދާނެއެވެ. އެއީ އިޖްތިމާއީ އަދި އިޤްތިޞާދީ ހާލަތު ބަޔާންކުރާ ރިޕޯޓްގައި އެކަންކަމުގެ ސަބަބުން ޣައްޒާގެ ތަރައްޤީ އަށް ކުރާނެ އަސަރު މާބޮޑަށް ތަފާތުވާނެތީވެއެވެ.
ސްޓެއިނަރ ވިދާޅުވި ގޮތުގައި ހަނގުރާމެ ހުއްޓާލުމަށްފަހު ކުރިއަށް އޮތް 10 އަހަރުވަންދެން ކޮންމެ އަހަރަކު އިންސާނީ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް ހަނގުރާމައިގެކުރިން ޣައްޒާ އިހުއޮތް ހާލަތަށް ދިއުމަކީ ނުވާނެ ކަމެކެވެ.
ރިޕޯޓުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި ޣައްޒާއަށް އިޒްރާއިލްއިން ދެމުންގެންދާ ބޮމުގެ ހަމަލާތަކުގައި ފުނޑުފުނޑު ވެފައިވާ އިމާރާތްތަކާއެކު 42 މިލިއަން ޓަނުގެ ގާފުނިތައް ޣައްޒާގައި ޖަމާވެފައި އެބަހުއްޓެވެ. އަދި ހަލާކުވެފައިވާ ދަނގަޑާއި ސޯލާ ޕެނަލްގެ ބައިތަކާއެކު ފުރާނައަށް ނުރައްކާވާ އެތައްކަމެއް އެބަހުރިކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.
ޣައްޒާ އަށް އިޒްރާއިލްއިން ހަމަލާތައް ދޭންފެށިތާ އެއްއަހަރުގެ ތެރޭގައި 75,000 ޓަނުގެ ގޮވާތަކެތި ވަނީ ޣައްޒާގައި ބޭނުންކޮށްފައެވެ. އެއީ ގާތްގަނޑަކަށް 33 ބިލިއަން ޑޮލަރުގެ ގޮވާތަކެއްޗެވެ.
ރިއެކްޝަންސް