ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ރާއްޖެއާއި ސައުދީ އަރަބިއްޔާއިން މަޝްވަރާކޮށްފި
ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ބަދަހި ގުޅުމުގެ ތެރެއިން، ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު މިހާރު ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ ސައުދީގެ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ދަތުރުފުޅުގެ ތެރެއިން ވަޒީރު ޙަސަން ރަޝީދު ވަނީ ސައުދީގެ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި، ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކުގެ އިތުރުން، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަސްރަޙުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ. ޚާއްޞަކޮށް ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކަށް މި ބައްދަލުވުމުގައި އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، ވަޒީރު ޙަސަން ރަޝީދު ވަނީ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) ގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑަރ މޭޖަރ ޖެނެރަލް ޢަބްދުﷲ ބިން ޙާމިދު އަލް-ޤުރައިޝީއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ހިންގައި ދެފަރާތުގެ ފަންނީ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުންނެވެ.
މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޭރުގެ ގައުމުތަކާއެކު އޮންނަ ދިފާޢީ ގުޅުންތައް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްދާ މުހިންމު ދަތުރުފުޅެކެވެ.
ރިއެކްޝަންސް





