
އެއަރޕޯޓް ރީތިވާނީ ދަރަނީގެ ދަންތުރައިން ސަލާމަތްވާނެ މަގު ފެންނަނަމަ: ކުރީގެ ރައީސް ނަޝީދު
ދަރަނީގެ ދަންތުރައިން ސަލާމަތްވާނެ މަގު ފެންނަނަމަ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަކީ ވަރަށް ރީތި ތަނަކަށް ވާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ވީއައިއޭގެ އާ ޓަރމިނަލް ހެދުމުގެ ކްރެޑިޓް ހައްޤުވަނީ ކޮންފަރާތަކަށްތޯ ކުރެވެމުންދާ ސިޔާސީ ބަހުޘްގެ ތެރެއިން މިއަދު މީސްމިޑާއަށް ދޫކޮށްލި ޕޯސްޓެއްގައެވެ.
"ކޮންކްރީޓް, ބިއްލޫރި އަދި ޕްލާސްޓިކްގެ އަވައިގައިޖެހި އެއީ ތަރައްޤީކަަމަށް ދެކޭނަމަ އެއީ ވަރަށް ހަނި ވިސްނުމެއް. އާ އެއަރޕޯޓްގެ ސަބަބަުން ޓުއަރިސްޓުން އަންނަ ވަރު އިތުރުވާ މިންވަރާއި, އިޤްތިޞާދު ކުރިއަރާ, ދައުލަތުގެ އާމްދަނީ އިތުރުވެ ދަރަނިން ސަލާމަތްވާނެ މަގު ފެންނަނަމަ އެއަރޕޯޓް ވަރަށް ރީތިވާނެ" ދިވެހި ހަރުބަހެއް ކަމަށްވާ "ވަޅި ރީތީ ތޫނިއްޔާ" މިސާލުބަހުން މިސާލު ޖައްސަވައި ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ވީއައިއޭގެ އާ ޓަރމިނަލްގެ މަސައްކަތްތަކާއި އެތަކުގެ ޑިޒައިންއަށް ގެނެވުނު ބަދަލުތަކާއި, ސްޕީޑާ ބެހޭގޮތުން މީސްމީޑިއާގައި, ހާއްސަކޮށް އެކްސްގައި ބަހުޡްތަކެއް ކުރެވެމުންދާތާ ހަފުތާއަކަށްވުރެ ވަނީ ގިނަ ދުވަސްވެފައެވެ.
އިދިކޮޅު އެމްޑިޕީން އެއަރޕޯޓްގެ ގިނަ މަސައްކަތްތަކެއް ނިންމާ, ރާއްޖޭގެ ފަންނުވެރިކަމާ ޘަގާފަތް ރަމްޒުވާގޮތަށް ގިނަ ބަދަކުތަކެއް ގެނެސް މުހިއްމު މަސައްކަތްތަކުގެ ބޮޑުބައި ނިންމާފައިވާކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ސަރުކާރުންވަނީ އައު ޓަރމިނަލްގެ ގިނަ މަސައްކަތްތަކެއް ހުރީ ނުނިމިކަމަށާއި ކްރިޓިކަލް ބައެއް މަސައްކަތްތައް ހަވާލުވެސް ނުކޮށް ހުރިހަމަށް ބުނެފައެވެ.
ސަރުކާރުން ވަނީ އައު ޓަރމިނަލް މިމަހު 26ގައި ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހު ރަސްމީކޮށް ހުޅުވާނެކަން އިއުލާންކޮށްފައެވެ.
ރިއެކްޝަންސް






