މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކޮންސްޓްރަކްޝަން ސާމާނުގެ ދަތިކަމަށް ހައްލު ހޯދަނީ
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ރާއްޖެއަށް ބޮޑުހިލައާއި އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނު ގެނައުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މަޖިލީހުގެ ސުވާލު ވަގުތުގައި އަތޮޅުތަކުގެ ގިނަ މެންބަރުން ވަނީ އެ ބޭފުޅުންގެ ދާއިރާތަކުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެހެމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިގޮތުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ކުރެއްވި ސުވާލުގައި، އެ ދާއިރާގެ ފޮއްދުއަށް ބޮޑުހިލަ ނުލިބިގެން ބަނދަރުގެ މަސައްކަތް ލަސްވާ މައްސަލައާއި، ވެލިދޫ ބަނދަރާއި ޅޮހީގެ ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވަމުންދާކަން ފާހަގަކުރެއްވިއެވެ.
މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، ރާއްޖެއަށް އާންމުކޮށް ބޮޑުހިލަ އެތެރެކުރަނީ މެދުއިރުމަތީގެ ޤައުމެއް ކަމަށްވާ ޔޫއޭއީއިން ކަމަށެވެ. ނަމަވެސް އެ ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މުދާ ގެނައުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އާއްމުކޮށް ބޮޑު ހިލަ ގެންނަނީ ޔޫއޭއިން، މެދުއިރުމަތިން. ޔޫއޭއީއިން ހިލަގެނައުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވަނީ. މަސައްކަތް މިކުރަނީ އިންޑިއާއިން ނަމަވެސް ހިލަ ގެނެސްގެން މަސައްކަތް އަވަސްކުރުމަށް. ފޮއްދޫ ބަނދަރުގައިވެސް ބޮޑު ހިލަ ލިބުމުގައި ދަތިތައް ވަނީ ދިމާވެފައި،" ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ބަލްކް ކާގޯ އެންމެ ގިނައިން އެތެރެކުރަނީ އިންޑިއާ، އޮމާން އަދި ޔޫއޭއީ ފަދަ ޤައުމުތަކުންނެވެ. ހިލައާއި ހިލަވެލި އިންޑިއާއިން ގިނަ ޢަދަދަކަށް އެތެރެކުރި ނަމަވެސް، ބަނދަރާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލަ އާންމުކޮށް ގެންނަނީ ޔޫއޭއީއިންނެވެ. މީގެ އިތުރުން ދަގަނޑާއި ސިމެންތި އަދި އެކި ބާވަތުގެ ކޮންސްޓްރަކްޝަން ކެމިކަލްވެސް މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް އެތެރެކުރެއެވެ.
މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެއްފަހަރާ ގިނަ މަޝްރޫޢުތަކެއް ފެށުމަށް ބޭނުންވާ ހެވީ ވެހިކަލްއާއި މެޝިނަރީގެ ބޮޑު ބެޗެއް މިހާރު ރާއްޖެ ގެނެވިފައިވާ ކަމަށެވެ. އަދި އެ ތަކެތި އަތޮޅުތަކުގެ މަޝްރޫޢުތައް ހިނގާ ސައިޓުތަކަށް ފޮނުވުމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށްވެސް ވަޒީރު ޑރ. މުއްޠަލިބް ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް

