އިންތިޚާބުގެ ދެވަނަ ބުރަށް 6،000 އަށްވުރެ ގިނަ ވޯޓުކަރުދާސް ޗާޕުކޮށްފި

އިންތިޚާބުގެ ދެވަނަ ބުރަށް 6،000 އަށްވުރެ ގިނަ ވޯޓުކަރުދާސް ޗާޕުކޮށްފި

3 hours ago - 13:22

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރަށް 6،172 ވޯޓުކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.


އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ފަހަރުވެސް ވޯޓުކަރުދާސްތައް ޗާޕުކޮށްފައިވަނީ ފުރަތަމަ ބުރުގެ ކަރުދާސްތައްވެސް ޗާޕުކުރި ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުންނެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 888,845 ވޯޓު ކަރުދާސް ޗާޕުކޮށްފައިވެއެވެ.


މި އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ދެ ރަށެއްގެ ކައުންސިލްގެ ދެ ގޮނޑިއަކަށާއި، ތިން ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން ގޮނޑިއަކަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.


އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކައުންސިލް އިންތިޚާބަށް 1،784 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް 4،388 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ.


ވަކިވަކި ދާއިރާތަކަށް ޗާޕުކުރި ކަރުދާހުގެ އަދަދު:

ބ. ދޮންފަނު ކައުންސިލް: 460 ވޯޓު ކަރުދާސް
ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާ: 1،324 ވޯޓު ކަރުދާސް
ހއ. ކެލާ އަންހެނުންގެ ކޮމިޓީ: 1،742 ވޯޓު ކަރުދާސް
ހދ. ނޭކުރެންދޫ އަންހެނުންގެ ކޮމިޓީ: 1،069 ވޯޓު ކަރުދާސް
ލ. މާވަށު އަންހެނުންގެ ކޮމިޓީ: 1،577 ވޯޓު ކަރުދާސް

މި އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 14 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެއީ އިންތިޚާބު ބާއްވާ ރަށްރަށުގެ އިތުރުން މާލޭގައެވެ. މިގޮތުން ކެލާ، މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ކޮންމެ ތަނެއްގައި 2 ފޮށި، އަދި ނޭކުރެންދޫ އާއި ދޮންފަނުގެ ކޮންމެ ރަށެއްގައި އެއް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.


ކޮމިޝަނުން ހާމަކުރި ގޮތުގައި މި އިންތިޚާބުގައި ވޯޓުލުމަށް ޖުމްލަ 6,093 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކެލާއިން 1,729 މީހުން، ނޭކުރެންދޫއިން 1,056 މީހުން، ދޮންފަނުން 441 މީހުން، މާވަށުން 1,556 މީހުން އަދި ފުވައްމުލަކު ދަޑިމަގު އަވަށުން 1,311 މީހުންނެވެ.


މާލޭގައި ދިރިއުޅޭ މި ދާއިރާތަކުގެ ރައްޔިތުން ވޯޓުލުމަށްޓަކައި 6 ފޮއްޓެއް ބަހައްޓާނެއެވެ. އެގޮތުން ކެލާ އަދި ދޮންފަނުގެ ފޮށިތައް ތާޖުދިއްދީން ސްކޫލުގައި، ނޭކުރެންދޫ އާއި މާވަށުގެ ފޮށިތައް ހިރިޔާ ސްކޫލުގައި، އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ވޯޓުފޮށި ބަހައްޓާނީ ދަރުމަވަންތަ ސްކޫލުގައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow